ކުދިންގެ ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނެސްލޭ ކިޑްސް ނެޓްބޯޅަ ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މި ފަދަ މުބާރާއްތައް ބާއްވާ ކުދިން ކުރިއެރުވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެކަމަނާ ވަނީ، ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
"ކުދިންގެ ކިޔެވުމާއި އެއްގޮތައް އެކުދިން ކުޅިވަރުގައި ކުރިއަތް ގެންދިޔުމަކީ ވަރަށް މުހިންމުކަމެއް. އެކުދިން ހެދިބޮޑުވުމަށްޓަކައި އެކުދިންގެ ފިޒިކަލް ވެލްބީންއަށްވެސް ކުޅިވަރަކީ ވަރަށް މުހިންމުކަމެއް. ކުއްޖާ ކިޔެވުމަށް އަޅުގަނޑުމެން އިސްކަންދޭ ފަދައިން ކުޅިވަރުގައި އެކުދިއްނަށް އެ ފުރުސަތު ހޯދައި ދިނުމަކީ ބަލެނިވެރިއްނާއި ސުކޫލްތަކުގެ ޓީޗަރުން ވަރަށް މުހިންމު ކަމެއްގޮތުގައި ދެކިގެން ކުރުން މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ސާޖިދާ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30އިން 2023 ޑިސެންބަރު 2އަށެވެ. މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 14 ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނެސްލޭ ކުންފުނީގެ އިސް ބޭފުޅުންނާއި މުބާރާތް އިންތިޒާމުކުރި ފިއޮންތީ ސްޕޯޓްސް އެކަޑަމީގެ އިސް ބޭފުޅުންގެ އިތުރުން ބައެއް ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.