16 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފިއެވެ.
ޓަލޮންސްއިން ލީގުގެ ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު 70-64 އިން ބަލިކޮށްގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައިވެސް ރޯޔަލްސް އަތުން ޓޭލަންސް ވަނީ މޮޅުވެފައެވެ.
މި މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ކުއާޓާ ނިމުނީ 14-13 އިން ޓަލޮންސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓާ ނިމުނުއިރު ޓަލޮންސް ކުރީގައި އޮތީ 27-26 އިންނެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ރޯޔަލްސްއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ވަނީ މި ކުއާޓާގައި ގިނަ ޕޮއިންޓުތަކެއް ހޯދާފައެވެ. އެއާއެކު ތިންވަނަ ކުއާޓާ ނިމުނުއިރު 44-49 އިން ލީޑުގައި އޮތީ ރޯޔަލްސްއެވެ. ނަމަވެސް ހަތަރުވަނަ ކުއާޓާގައި ޓަލޮންސްއިން ވަނީ މޮޅު ކުޅުމެއް ދައްކައި 70-64 އިން މެޗު ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައި ޓަލޮންސް ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 21 ޕޮއިންޓް އެއްކުރި އައިކް އަޙްމަދު މައުރޫފެވެ. މީގެ އިތުރުން އެ ޓީމުގެ މުޙައްމަދު ނާފް އިރުޝާމް 14 ޕޮއިންޓް އަދި އަލީ އަމްޝަލް ހުސްނީ ވަނީ 13 ޕޮއިންޓް ސްކޯކޮށްފައެވެ. މި މެޗުގައި ރޯޔަލްސްއަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 21 ޕޮއިންޓް ސްކޯކުރި އަލްދާން އައިކް ރަމީޒެވެ.
ޓަލޮންސް އިން ލީގު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗާއި، ދެ ވަނަ ބުރުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ރަނގަޅު ރިކޯޑަކާއިއެކުގައެވެ. ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ދެވަނަ ރޯޔަލްސްއަށް ލިބުނުއިރު، ތިންވަނަ ހޯދީ ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބެވެ.