އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކުލަބު އަތުން ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޔޫވީ މޮޅުވީ ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބުރު ސްޕޯޓްސްއިންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި މުޙައްމަދު ހުޒައިފް ވަނީ ބުރު ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ޔޫވީން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 70 ވަަނަ މިނެޓުގައި މުހައްމަދު ފައިޒާން ފަޒީން ޖަހައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ނަތީޖާ ހަމަަހަމަކޮށްދިނީ ޕެނަލްޓީއަކުން އަރީން އަބްދުﷲ އެވެ. އަދި ޔޫވީއަށް ލީޑު ހޯދައިދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ.
ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ނާއިމް ވަނީ ލަނޑެއް ޖަހައި، ބުރު ސްޕޯޓްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލޫތު އިބްރާހިމްގެ ލަނޑާއެކު ޔޫވީ ވަނީ މި މެޗުން މޮޅުވެފައެވެ.
މިއީ ޔޫވީން މި ފަހަރު ލީގުގައި ހޯދި ހަތަރުވަނަ މޮޅެވެ. އަދި މި މޮޅާއެކު ޔޫވީއަށް މި ސީޒަނުގެ ލީގުގެ ކުޅުން ވަނީ ނިމިފައެވެ. އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 14 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ބުރު ސްޕޯޓްސްއަށް ވަނީ 13 މެޗުން 18 ޕޮއިންޓް ލިބިފައެވެ.