ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ހާސިލްކުރަން ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރަނީ


  • 5 މިލިޔަން ގަސް އިންދުމަށް ޕާކިސްތާނުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅު ޙާޞިލްކުރުމަށް ދިވެހިރާއްޖެއާއި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ޕާކިސްތާނުން އެއްބަސްވެއްޖެއެވެ.

ޕާކިސްތާނުން މިކަމަށް އެއްބަސްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް28 ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވި މަތީ ފަންތީގެ ވަފުދުގެ އިސްވެރިޔާ، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވަނީ، ދެޤައުމަށް ފައިދާހުރި ކަންކަމާ ބެހޭގޮތުންނާއި، ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުމާ ގުޅިގެން، އެ ވަޢުދުފުޅު ޙާޞިލްކުރުމަށް ދިވެހިރާއްޖެއާއި ޕާކިސްތާނާ ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.