ޚަބަރު

2024 ނިމޭއިރު ރާއްޖޭގެ ބޮޑު ޕާޓީއަކަށް ދަ ޑިމޮކްރެޓްސްވާނެ: އާޒިމް


  • މިހާރު އެޕާޓީގެ މެންބަރުންގެ އަދަދު 6000 އާއި ގާތްކުރޭ

  • އިންތިޚާބަށް ފަހު މެންބަރުން އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަނީ

  • ޑިމޮކްރެޓްސް އަބަދުވެސް ކުރިއަށްދާނީ ސިޔާސީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް

2024 ނިމޭއިރު ރާއްޖޭގެ ސިޔާސީ ބޮޑު ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވީ އެޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިޚާބާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެމްޑީޕީ އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކެއް އެޕާޓީގެ އަސާސީ ޤަވާއިދުތަކާ އުސޫލުތަކާ ޚިލާފަށް ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ރަޖިސްޓަރީ ކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ތިންވަނައަށް އެންމެގިނަ ވޯޓު ހޯދާފައިވަނީވެސް އެޕާޓީންނެވެ. ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިތާ 2 މަހެއްހާ ދުވަސްތެރޭގައި ބޭއްވި މިއިންތިޚާބުން ހޯދި ނަތީޖާއާއެކު ގިނަބަޔަކަށް ހައިރާންކަން ގެނުވިއެވެ. ބައެއް ޤަބޫލްކުރާގޮތުގައި ރާއްޖޭގެ ސިޔާސީ ގޮތުން ތަޖުރިބާކާރު އެއްބޭފުޅާ ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީގައި ހުރުމަކީ އެނަތީޖާ ލިބުމުގެ އަސްލެވެ.

ޑިމޮކްރެޓްސްއިން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުތައް އެކުލަވާލާ ބާއްވާ ފުރަތަމަ އެތެރޭގެ އިންތިޚާބު ކާމިޔާބު ކަމާއެކީ ހަމަނުޖެހުމެއް ނެތި ނިންމާލުމަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް އެޕާޓީން ދެކެއެވެ. އަދި ޕާޓީގެ ހަރުދަނާ އުސޫލުތައް ދެމެހެއްޓުމަށާއި ސިޔާސީ ގޮތުން ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް އެޕާޓީގެ އިސްލީޑަރުން ވިދާޅުވެއެވެ.

ޑިމޮކްރެޓްސްގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތާކާ އުސޫލުގެ ތެރެއިން ކަންކަން ނިންމުމަށްކަމަށެވެ. އަދި ޕާޓީ އުފެއްދީވެސް އެބޭނުމުގައިކަމަށެވެ. އަދި އިންތިޚާބަށް ފަހު ޕާޓީ ހަރުދަނާކޮށް އިތުރަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފަށާ، ހަމައާ އިންސާފުގެ ތެރެއިން ކަންކަން ނިންމުމުގައި ނަމޫނާ ދައްކާ ޕާޓީއެއްގޮތުގައި އަބަދުވެސް ދެމި އޮތުމަށް ބާރު އަޅުއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ޢާޒިމް ވިދާޅުވި، އަންނަ އަހަރު ނިމޭއިރު އެޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

"2024 ވަނަ އަހަރު ނިމޭއިރު މިއީ ބޮޑު ޕާޓީއަކަށް ހަދާނަން. އެކަމަކު އެކަން ކުރާނީ ހަމަޔާ ހެދިފައި ހުރި އުސޫލުތަކުގެ ތެރެއިން އިންސާވުފެރިކޮށް، ކަންކަން ތަރުތީބުކޮށް ކުރިއަށްގެންގޮސްގެން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންގޮސް މިކަން ހާސިލު ކުރުމަށް މަސައްކަތް ކުރާނީ މިހާރު ތިބި މަދު މެންބަރުންނާއެކު" އަލީ އާޒިމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގައި 1043 މަގާމަކަށް ކުރިމަތި ލުމަށް ހުޅުވާލާ މީގެ ތެރެއިން އެއް މެމްބަރަކު ކުރިމަތިލުމުން 271 މަގާމަށް އެމީހުންވަނީ އިންތިޚާބުވެފައެވެ. މިއަދު ކުރިއަށްދާ އެތެރޭގެ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްގު ލިބިފައިވަނީ 5883 މީހަކަށެވެ.