 
										
			ކ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ކާފް ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޮޅުވުމުގެ ރިކޯޑަކާއެކު މާފުށިން ހޯދައިފިއެވެ. 
މުބާރާތުގެ ޗެމްޕިއަންކަން މާފުށިން ހޯދީ ރޭ ކުޅުނު ފައިނަލުގައި މުބާރާތް ބޭއްވި ކ.ތުލުސްދޫ އާއި ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. 
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 
އަންހެން ފައިނަލް މެޗުގެ ފުރަތަމަ ސެޓު މާފުށިން ކާމިޔާބުކލުރީ 25-15 ގެ ބޮޑު ތަފާތަކުންނެވެ. ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ ތުލުސްދޫ އެވެ. މި ސެޓު ތުލުސްދޫއިން ކާމިޔާބުކުރީ 26-25 އިންނެވެ. ތިންވަނަ ސެޓު އަނެއްކާވެސް ކާމިޔާބުކުރީ މާފުށިންނެވެ. ދެވަނަ ސެޓުގެ ގޯސްތައް ރަނގަޅުކޮށް ތިންވަނަ ސެޓު އެ ޓީމު ކާމިޔާބުކުރީ 25-15 އިންނެވެ. 
ހަތަރު ވަނަ ސެޓުގައި ދެ ޓީމުންވެސް ދާދި ހަމަހަމަކޮށް ފެށި ނަމަވެސް ސެޓުގެ ފަހުކޮޅު ތުލުސްދޫއިން ނެގި ލީޑާއެކު އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 25-13 އިންނެވެ. އެހެންކަަމުން ކޮންމެ ޓީމަކަށް ދެ ސެޓު ލ؛ިބުމާއެކު ނަތީޖާ ނެރެން ކުޅުން ފަސްވަނަ ސެޓުގައި ވެސް ފެނުނީ ވާދަވެރިކަމެވެ. ސެޓު ކާމިޔާބުކުރަން ތުލުސްދޫ އިން ގާތްވެފައިވަނިކޮށް މާފުށިން ވަނީ ފަހަތުން އަރާ ހޯދި ޕޮއިންޓުތަކާއެކު 16-14 އިން މެޗު ކާމިޔާބުކޮށްފައެވެ. 
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗު ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައެވެ. އެހެންކަމުން ފިރިހެން ފައިނަލް މެޗާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް އިއުލާނުކުރާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.