ޚަބަރު

މޫސުމީ ބަދަލުތަކުން ގެއްލުން ލިބެމުންދާ ޤައުމުތަކަށް އުފާވެރި ޚަބަރެއް


އދގެ މޫސުމީ ބަދަލުތަކާ ބެހޭ 28 ވަނަ ބައްދަލުވުން [ޔޫ.އެން ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28)] ފެށިގެން ގޮސްފައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ޤައުމުތަކަށް އުފާވެރި ޚަބަރަކާ އެކުގައެވެ. ބައްދަލުވުމުގެ ފުރަތަމަ ދުވަހު، ބައިވެރިން ވަނީ 'ލޮސް އެންޑް ޑެމޭޖް' (އެލް.އެންޑް.ޑީ) ފަންޑު އެކުލަވައިލާ، ފަންޑުގެ ބޭނުން ޖެހިފައިވާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުމަށް ނިންމާފައެވެ.

"ލޮސް އެންޑް ޑެމޭޖް ފަންޑާ ގުޅޭ ގޮތުން މިއަދު އިވިގެން އެ ދިޔަ ޚަބަރަކީ މި [ކޮޕް28] ސަމިޓަށް ލިބުނު ވަރަށް އުންމީދީ ފެށުމެއް. ޤައުމުތަކުން ސަމިޓުގެ ބާކީ އޮތް ދުވަސްތަކުގައި މި ދުވެލީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ޖެހޭނެ. އަދި ދުބާއީގައި ކުރިއަށްދާ ސަމިޓުގައި ކާމިޔާބު ނިންމުންތަކެއް ނިންމަން ޖެހޭނެ،" އ.ދގެ ކްލައިމެޓް ޗޭންޖް އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓީލް ވިދާޅުވިއެވެ.

އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ ކޮޕް28 ސަމިޓު ފެށިގެން ގޮސްފައި މި ވަނީ ސްޓީލް ވިދާޅުވި ގޮތަށް އުފާވެރި ޚަބަރަކާ އެކުގައެވެ. އަދި، ޤައުމުތަކުން މި ވަނީ މި ފަންޑަށް ބޭނުންވާ ފައިސާ ދޭން ވަޢުދުވަމުންނެވެ. މި ގޮތުން، މިހާރު ވެސް ފަންޑަށް 420 މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް ޤައުމުތަކުން ވަޢުދުވެފައިވާ ކަމުގައި ކޮޕް28ގެ ރިޔާސަތު ބަލަހައްޓާ ޔޫ.އޭ.އީން ބުނެއެވެ.

ކޮޕް28ގެ ރައީސް ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލް-ޖާބިރު ވިދާޅުވީ މިއީ ސަމިޓަށް ލިބުނު ވަރަށް ރަނގަޅު ފެށުމެއް ކަމުގައެވެ. އަދި، އެލް.އެންޑް.ޑީ ފަންޑު އެކުލަވައިލަން ނިންމުމާ އެކު، ސަމިޓުގެ ކުރިއަށް އޮތް ބައިތަކަށް ރަނގަޅު މެސެޖެއް ދެވިފައިވާ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.

ޔޫ.އޭ.އީން ވަނީ އެލް.އެންޑް.ޑީ ފަންޑަށް 100 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭން ވަޢުދުވެފައެވެ. އަދި، އިނގިރޭސިވިލާތުން 51 މިލިޔަން ޑޮލަރު ފޯރުކޮށްދޭނެ ކަމުގައި ބުނެފައިވާއިރު، އެމެރިކާއިން ވެސް ވަނީ 17.5 މިލިޔަން ޑޮލަރު ފޯރުކޮށްދޭން ވަޢުދުވެފައެވެ. އަދި، ޖަޕާނުން ވަނީ 10 މިލިޔަން ޑޮލަރު ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ވެސް ވަނީ ފަންޑަށް 245.39 މިލިޔަން ޑޮލަރު ފޯރުކޮށްދޭން ވަޢުދުވެފައެވެ. އޭގެ ތެރެއިން 100 މިލިޔަން ޑޮލަރަކީ ޖަރުމަނުވިލާތުން ފޯރުކޮށްދޭނެ ކަމަށް ބުނި ފައުސާއެވެ.

މިފަދަ ފަންޑެއް އެކުލަވައިލުމަކީ، މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ފަގީރު ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތަކުގެ އާދޭހަށް ނިމުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ ނިންމުމެކެވެ. ނަމަވެސް، ސަމިޓުގެ ފުރަތަމަ ދުވަހު އެލް.އެން.ޑީ ފަންޑަށް ލިބުނު ކާމިޔާބީއަކީ އުފާ ފާޅު ކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެއެވެ. ސަބަބަކީ، މި ފަންޑާ ގުޅޭ ގޮތުން ނިންމަން ޖެހޭ ގިނަ ނިންމުންތަކެއް އަދިވެސް ހުރުމެވެ. އެއް ނިންމުމަކީ، ފަހުން މި ފަންޑަށް ފައިސާ ހޯދާނެ ގޮތަކާ މެދު ގޮތެއް ނިންމުމެވެ.

"މި ފަންޑަށް ފަހުން ފައިސާ ހޯދާނެ ގޮތެއް ރާވާފައި ނެތުމަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް. ދެމެހެއްޓެނިވި ގޮތެއްގައި ފަންޑުގެ ބޭނުން ހިފޭނީ، ފަންޑަށް ފަހުން ވެސް ފައިސާ ހޯދާނެ ގޮތްތަކެއް ނިންމައިގެން،" ކްލައިމެޓް އެކްޝަން ނެޓްވަރކް އިންޓަރނޭޝަނަލްގެ އިސް އޮފިޝަލެއް ކަމުގައިވާ ހަރްޖީތް ސިންހް ވިދާޅުވިއެވެ. ނަމަވެސް، މި ކަމާ ގުޅޭ ގޮތުން ކޮޕް28ގެ ސީ.އީ.އޯ އަދްނާން އަމީން ވިދާޅުވީ ފުރަތަމަ ކަމަކީ ސަމިޓުގެ ތެރޭގައި މި ފަންޑަށް ވީހާވެސް ގިނަ ޢަދަދަކުން ފައިސާ ހޯދުން ކަމުގައެވެ.