ޚަބަރު

"ކުޑަކުދިން ގަތުލުކުރަން ފަށަން އަނެއްކާ ވެސް މި ވަނީ ނިންމާފައި"


"[ޣައްޒާގެ] ކުޑަކުދިން ގަތުލުކުރަން ފެށުމަށް ބާރުވެރި މަގާމުތަކުގައި ތިބި މީހުން މި ވަނީ އަނެއްކާ ވެސް ނިންމާފައި،" މިއީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާންތައް އަލުން ފެށުމާ އެކު އ.ދގެ އިސް އޮފިޝަލަކު ވިދާޅުވި ބަސްފުޅެކެވެ. ބާރުވެރި މަޤާމުތަކުގައި ތިބި މީހުންނޭ ބުނެ އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށެވެ.

އޭނާ ވިދާޅުވެފައި އެ ވަނީ ތެދު ފުޅެކެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާނަކީ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް ނޫނެވެ. އެއީ، ފަލަސްޠީނުގެ މައުސޫމް ކުޑަކުދިންގެ ލޭއޮހޮރުވައިލަން ހިންގަމުންދާ ގަތުލުއާންމެކެވެ. ފަލަސްޠީނުގެ އަންހެނުން ހުވަފަތް ކުރަން ހިންގާ އަސްކަރީ ކެމްޕޭނެކެވެ. ކުޑަކުދިން ޔަތީމު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.

ހަތް ދުވަހުގެ މެދުކެނޑުމަކަށް ފަހު ޔަހޫދީންގެ ލާއިންސާނީ އުދުވާން އަނެއްކާ ވެސް މި ވަނީ ފަށާފައެވެ. ޑިސެންބަރު 1 ވަނަ ދުވަހު ޣައްޒާ ގަޑިން ހެނދުނު 7 ޖެހުމާ އެކު ޔަހޫދީންގެ ހަމަލަތައް ވަނީ ފަށާފައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރަށް ގޮން އަޅަން ފަށާފައެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ސުންނާފަތި ކުރަން ފަށާފައެވެ.

ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޒަޔަނިސްޓު އިސްރާޢީލާ ދެމެދު ނޮވެންބަރު 24 ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުން ދަންމައިލަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ. އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަޠަރުން ބުނީ، އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ދެ ފަރާތާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

ޤަޠަރުން ބުނީ، އަލުން ޣައްޒާއަށް ބޮން އަޅަން ޔަހޫދީން ފެށުމާ އެކު، އެއްބަސްވުމަށް ރުޖޫޢަވާން ކުރަމުން ދިޔަ މަޝްވަރާތަކަށް ހިޔަނި އެޅިފައިވާ ކަމުގައެވެ. ޔަހޫދީންގެ އުދުވާންތައް އަލުން ފެށުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ހަމަލަތައް މެދުކަނޑައިލަން ގޮވައިލާފައެވެ.

އުދުވާންތައް އަލުން ފެށުމުގައި ޙަމާސްއިން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ޔަހޫދީން ދަނީ ބުނަމުންނެވެ. އަދި، ޙަމާސްއިން ކުރިން އެއްބަސްވެފައިވާ ގޮތަށް، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ހުރިހާ އަންހެނުން މިނިވަން ކޮށްފައި ނުވާ ކަމަށާއި، އިސްރާޢީލުގެ ރަށްތަކަށް ރޮކެޓް ހަމަލަތަކެއް ދީފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.

ނަމަވެސް، ޙަމާސްއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ، އެއްބަސްވުމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔަހޫދީން ދިޔައީ އެއްބަސްވުން އުވައިލެވޭނެ ގޮތްތައް ހޯދަމުން ކަމުގައެވެ. އަދި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ވެސް ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ ކަމަށާއި، ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

ޙަމާސްއާއި ޔަހޫދީންނާ ދެމެދު ހަމަލަ ބަދަލު ކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގައި މިޞްރާއި އެމެރިކާއިން ވެސް ދަނީ ޤަޠަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޤަޠަރުން ބުނީ، އަލުން ހަމަލަ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް ދެ ފަރާތާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި، ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދަމުންދާ ކަމުގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 15,000 އަށް އެރުމާ ގާތުގައެވެ. އޭގެ ތެރޭގައި 6,000 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް 6,000 މީހުންގެ ހަށިގަނޑު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.