ޚަބަރު

އަނިޔާއާއި ދެކޮޅަށް 16 ގަޑިއިރުގެ މީޑިއާ ޓެލެތޯންއެއް މާދަމާ


  • މި ޓެލެތޯންއަކީ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތެއް

  • އެކި ފަރާތްތަކަށް ކުރިމަތިވާ އަނިޔާއާއި ގުޅޭގޮތުން މަޢުލޫމާތު ގެނެސްދޭނެ

  • ޙައްލު ހޯދާދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ގެނެސްދޭނެ

އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުން އިތުރުކުރުމަށް 16 ގަޑިއިރުގެ މީޑިއާ ޓެލެތޯންއެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މިއީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިންގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ހަރަކާތެވެ. "ގުޅިގެން ކުރިއަށް" ނަމުގައި ކުރިއަށްގެންދާ "16 އަވަރ އޮފް ބްރޯޑްކާސްޓް" ހަރަކާތަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އިސްނަގައިގެން، ކަމާއި ގުޅުންހުރި ވުޒާރާތަކާއި އެންޖީއޯތަކާއި މިދާއިރާގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މީޑިއާ ޓެލެތޯންގެ ތެރެއިން މުޖުތަމަޢުގައި އެކި ފަރާތްތަކަށް ކުރިމަތިވާ އަނިޔާއާއި، އެކަންކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޙައްލު ބޭނުންވާ ކަންކަމުގެ އިތުރުން، ސަރުކާރުގެ ނިޒާމުގެ ތެރެއިން މިފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި ގޮތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ގެނެސްދޭނެއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކައިވެންޏާއި އާއިލާގެ ތެރެއިން ކުރިމަތިވާ އަނިޔާއާއި ގުޅޭގޮތުން، އެކްސްޕަރޓުން ހިމެނޭހެން ޕެނަލް ޑިސްކަޝަންތަކާއި އިންޓަވިއުތައް ގެނެސްދޭނެއެވެ.

މި ޓެލެތޯންގައި އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން، ސުވާލާއި ޚިޔާލު ހުށައެޅުމުގެ ބައިތައްވެސް ކުރިއަށްގެންދާނެއެވެ.

ޓެލެތޯން ފަށާނީ ހެނދުނު 08:00 ގައެވެ. 16 ގަޑިއިރަށް ކުރިއަށްދާ ޓެލެތޯން މާދަމާ ރޭ 22:30 އާއި ހަމައަށް ކުރިއަށްދާނެއެވެ. މި ކަވަރޭޖް ޕީއެސްއެމްގެ ޔެސް ޓީވީގެ އިތުރުން، ބައެއް ސެގްމަންޓްތައް އެސްއެސް ޓީވީ އަދި އައިސް ނެޓްވޯކް މެދުވެރިކޮށްވެސް ގެނެސްދޭނެއެވެ.