ޚަބަރު

ފުރަތަމަ ދުވަހު އެކަނިވެސް 100އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި


ހަފްތާހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ޔަހޫދީން އަނެއްކާވެސް ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެސްވެފައެވެ.

ޣައްޒާގެ މުސްލިމުން ޤަތުލު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އުދުވާން އަލުން ފަށާފައި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. މުއްދަތު ހަމަވިތާ 30 މިނެޓް ތެރޭގައި ޔަހޫދީ ފައުޖުތަކުން ވަނީ ޣައްޒާގެ ޢާއްމުންނަށް ޢަމާޒުކޮށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ފައުޖުތަކުން ވަނީ ޙަމަލާ ދީފައެވެ. އެ ގޮތުން ޙަމަލާތައް ދޭން ފުރަތަމަ ފަށައިފައި ވަނީ ޣައްޒާގެ ދެކުނަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އައްބާސަން ކޮމިޔުނިޓީ ވެސް ހިމެނެއެވެ. ޣައްޒާގެ ދެކުނަކީ މީގެ ކުރިން ރައްކާތެރި ކަމަށް ޔަހޫދީން ބުނެފައިވާ ސަރަޙައްދެކެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ޙަމަލާތައް ދޭން ފެށި ނަމަވެސް ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމެއް ޤައިމުކުރުމަށް ޤަތަރާއި މިޞްރުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަފުތާއެއްހާ ދުވަހަށް ޙަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި ޔަހޫދީންގެ ޖަލުތަކުން ފަލަސްޠީނުގެ 240 މީހުން ވަނީ މިނިވަންކޮށްފައެވެ. އޭގެ ބަދަލުގައި 100އަށް ވުރެ ގިނަ ޔަހޫދީ އަސީރުން ޙަމާސުން ވަނީ މިނިވަންކޮށްފައެވެ.