ޚަބަރު

ކޮޕް33 ބާއްވަން އިންޑިޔާ ތައްޔާރު


2028 ވަނަ އަހަރު ކޮޕް33 ސަމިޓް ބާއްވަން އިންޑިއާ ތައްޔާރުކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޢަރަބި އެކުވެރި އިމާރާތް، ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާގެ އަމާޒަކީ 2030ގެ ނިޔަލަށް އެ ޤައުމުން ވިހަ ގޭސް ބޭރުކުރާ މިންވަރު 45 އިންސައްތައަށް މަދުކޮށް، ނޮން ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު 50 އިންސައްތަ އިތުރުކުރުމެވެ. އަދި ތެލުގެ ބަދަލުގައި ހައިޑްރޯޖެން ބޭނުންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯދީ ވިދާޅުވިއެވެ. 2030ގެ ނިޔަލަށް ދުނިޔޭގެ ފެންވަރުގައި އިއާދަ ކުރަނިވި ހަކަތަ ތިންގުނައަށް އިތުރު ކުރަން ވައުދުވެފައިވާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ތިމާވެށީގެ މައްސަލަތަކުގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަވެސް ވަނީ ސަމިޓުގައި ވާހަކަފުޅު ދައްކަވައިފައެވެ. ކޮޕް28 ސަމިޓަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ސަމިޓަކަށް ވާނެ ކަމަށް ޗާލްސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ވާހަކަ ސައިންސްވެރިން ދައްކާތާ ގިނަ ޒަމާންތަކެއް ފާއިތުވި ނަމަވެސް އަދިވެސް އެ ކަންކަމަށް ޙައްލެއް ނުގެނެވޭ ކަމަށާއި އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޗާލްސް ވިދާޅުވިއެވެ.

ކޮޕް ސަމިޓްގައި ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް ޢުރުދުޣާނާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާއި ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސަޢުދު ފަދަ ދުނިޔޭގެ އެހެން އިސްވެރިން ވެސް ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފައެވެ.