ޚަބަރު

މޫސުމަށް އަންނަ ބައްދަލުތަކަށް ޙައްލު ހޯދުމަށް 30 ބިލިއަން ޑޮލަރުގެ ފަންޑެއް


ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށް 30 ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އުފައްދަވާނެ ކަމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އިއުލާނުކުރައްވައިފިއެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް، ކޮޕް28 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފަންޑަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 250 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އުފެއްދުމަށް ފަރުމާކޮށްފައިވާ ފަންޑެއް ކަމަށް ޝެއިޚް މުޙައްމަދު ވިދާޅުވިއެވެ.

އަލްޓެރާގެ ނަމުން ނަންދީފައިވާ އެ ފަންޑުން މޫސުމީ ޙައްލު ގެނައުމުގެ މަސައްކަތްތައް އެކުލަވާލުމަށް 25 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާނެއެވެ. އަދި ޚާއްޞަކޮށް އެފްރިކާ ސަރަޙައްދުގެ ޤައުމުތަކާއި ދަ ކެރީބިއަން، އޭޝިއާގެ ބައެއް ގައުމުތަކާއި އޯޝޭނިއާގެ ބައެއްގެ ގައުމުތައް ހިމެނޭ ގްލޯބަލް ސައުތަށް އިންވެސްޓްކުރުމަށް 5 ބިލިއަން އެމެރިކާ ޑޮލަރުވެސް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮޕް28 ސަމިޓު ފަށައިފައިވަނީ ދުނިޔެއަށް މޫސުމީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށްފައިވާ ކަމަށްވެސް ޝައިޚް މުހައްމަދު ފާހަގަކުރައްވައިފައިވެއެވެ. އިއާދަކުރަނިވި ހަކަތައަށް 100 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް 7 އަހަރު ތެރޭގައި އިތުރު 130 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ.

އޭގެ އިތުރުން މޫސުމީ ކާރިޘާތަކާ ކުރިމަތިލުމަށް ގްލޯބަލް ސައުތުގެ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުން ވަނީ އައު ފަންޑެއް ތަޢާރަފުކޮށްފައެވެ.

އެގޮތުން ޔޫއޭއީއާއި ޖަރުމަންވިލާތުން ކޮންމެ ޤައުމަކުން ވެސް އެ ފަންޑަށް 100 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވެއެވެ. ޢަދި ވިލާތުގެ އިއްތިޙާދުން 245.4 މިލިއަން އެމެރިކާ ޑޮލަރު ފަންޑަށް ދިނުމަށް ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތުން ޖުމްލަ 60 މިލިއަން ޕައުންޑް އަދި އެމެރިކާއިން 17.5 މިލިއަން އެމެރިކާ ޑޮލަރު ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން އިތުރު 10 މިލިއަން އެމެރިކާ ޑޮލަރު ޖަޕާނުންވެސް އެ ފަންޑަށް ދޭނެއެވެ.