ދިވެހިރާއްޖޭގެ ހައި ކޯޓު ރިސެސްއަށް ހިނގައްޖެއެވެ. ހައިކޯޓު ރިސެސްއަށް ގޮސްފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިއަލަށެވެ.
ހައިކޯޓު ރިސެސްއަށް ދިޔަނަމަވެސް މިމުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމަވާފައިވާ ކަމަށް އެކޯޓުންވަނީ ހާމަކުރައްވާފައެވެ.
މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، ޙުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތު މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.
ކުރިން ހަމަޖެހިފައި އޮތީ ކްރިމިނަލް ކޯޓުވެސް މިހިނގާ ޑިސެމްބަރުމަހު ރިސެސްއަށް ދިއުމަށެވެ. ނަމަވެސް ފަހުން ކްރިމިނަލް ކޯޓުންވެސްވަނީ މިއަހަރު ރިސެސްއަށް ނުދާން ނިންމާފައެވެ. ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރު އަރާފައިވުމުގެ ސަބަބުން ކަމަށް އެކޯޓުންވަނީ ބުނެފައެވެ..
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރެއާއި ޑިސެންބަރު މަހު ކްރިމިނަލް ކޯޓުން ރިސެސްއަށް ދެއެވެ.