ޚަބަރު

ކޮޕް 28: ގިނަ ޤައުމުތަކެއްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


  • މި ބައްދަލުވުންތައް ކުރިއަށްގޮސްފައިވަނީ ކޮޕް-28ގެ ހަވާސާގައި

  • އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް އާއިވެސް ބައްދަލުކުރައްވާފައިވޭ

  • އެޤައުމުތަކާއި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައި

އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 ހިމެނޭހެން ގިނަ ޤައުމުތަކެއްގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުންތައް ކުރިއަށްދިޔައީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ކޮންފަރެންސްގެ ހަވާސާގައެވެ.

ކޮޕް-28 ކޮންފަރެންސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވި ވެރިންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 ގެ އިތުރުން، މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ، ޤަތަރުގެ އަމީރު ޝެއިޙް ތަމީމު ބިން ހަމާދު އަލް ޡާނީ، ޔޫއޭއީގެ ރައީސް ޝެއިޙް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން، ބުރުނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިޔާ، އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމެރަން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުންގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ރާއްޖެއާއި އެޤައުމުތަކާއި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މީގެއިތުރުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. ގިނަ ގައުމުތަކަކުން ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮޕް28 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.