ޚަބަރު

އެއްބަސްވުން އައު ނުކޮށް ޔަހޫދީންގެ އުދުވާން އަލުން ފަށައިފި


ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޔަހޫދީ ފައުޖުން އަނެއްކާ ވެސް ޣައްޒާއަށް ބޮން އަޅަން ފަށައިފިއެވެ. ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އުދުވާން އަލުން ފަށާފައި މި ވަނީ، ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތައް ކާމިޔާބު ނުވުމުންނެވެ.

ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ބުނީ ޑިސެންބަރު 1 ވާ ހުކުރު ދުވަހު ޣައްޒާ ގަޑިން ހެނދުނު 7 ޖެހުމާ އެކު، ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަށް ހިންގަމުންދާ ކެމްޕޭން އަލުން ފަށާފައިވާ ކަމުގައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ހަމަލަތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމުގައެވެ. މުސްލިމުންގެ ގެދޮރަށް އަލުން ބޮން އަޅަން ފަށާފައި މި ވަނީ އެއްވެސް އިންޒާރަކާ ނުލައެވެ.

ޔަހޫދީ ފައުޖުގެ ހަމަލަތައް ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އަމާޒު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ގޮތުން، އެ ސަހަރުގެ އިރުމައްޗާއި މެދުތެރޭގެ އިތުރުން ދެކުނުގައިވާ ސަރަޙައްދުތަކަށް ވެސް ބޮން އަޅައި، ގިނަ ޢަދަދެއްގެ ޢިމާރާތްތަކެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާގެ ދެކުނަކީ މީގެ ކުރިން ރައްކާތެރި ކަމަށް ޔަހޫދީން ބުނެފައިވާ ސަރަޙައްދެކެވެ.

ޔަހޫދީ ފައުޖުގެ މި އުދުވާނަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާޙިދުންނާ ދެކޮޅަށް ކަމަށް ބުނެ، ފަލަސްޠީނުގެ މުސްލިމު ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ހަމައެކަނި އަމާޒަކީ، ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ގަތުލު ކުރުމެވެ. ކުޑަކުދިންނާއި އަންހެނުންގެ ލޭ އޮހޮރުވައިލުމެވެ. ޣައްޒާގެ މަގުތައް މުސްލިމުންގެ ލެއިން ޣަރަޤު ކޮށްލުމެވެ.

ޔަހޫދީންގެ އުދުވާންތައް އަލުން ފަށާފައި މި ވަނީ، ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމާ ޙަމާސް ޖަމާޢަތުން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، ހަޤީޤަތަކީ، އެއްބަސްވުމާ ޚިލާފަށް މުސްލިމުންގެ ލޭ އޮހޮރުވައިލަމުން ގޮސްފައި ވަނީ ޔަހޫދީ ފައުޖުން ކަމެވެ. ޔަހޫދީންގެ އުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސް ޖަމާޢަތުން ވެސް ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ޔަހޫދީން ދިރިއުޅޭ ރަށްތަކަށް ރޮކެޓް ހަމަލަ ދޭން ފަށާފައެވެ.

ޙަމާސް-އިސްރާޢީލް އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވަނަ ދުވަހުގެ ހެނދުނު ޣައްޒާ ގަޑިން 7 ޖެހިއިރުއެވެ. މި އެއްބަސްވުމާ އެކު ޙަމާސްއިން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 110 އަސީރުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ޒަޔަނިސްޓު އިސްރާޢީލުގެ 80 ރައްޔިތުން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ 240 މީހުން މިނިވަން ކޮށްފައެވެ. މިނިވަން ކޮށްފައި ވަނީ، އެއްވެސް ހައްޤު ކުށަކާ ނުލައި ހައްޔަރުކޮށް، ޖަލުތަކަށްލައި، ބޮޑެތި އަނިޔާތަކެއް ދެމުން ގޮސްފައިވާ ބަޔެކެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާން އުމުރުގެ ކުދިންނެވެ.