ޚަބަރު

ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި ސަޤާފަތް އުނގެނެވޭނެ ގޮތް ހަމަޖައްސާނަން: ރައީސް


  • ރައީސްވަނީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައި

  • ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނަމަވެސް، ދިވެހިވަންތަކަން ހިފެހެއްޓުން މުހިންމުކަމަށް

  • ސަފާރާތައް މެދުވެރިކޮށް، ދިވެހި ސަޤާފަތް އުންގަންނައިދޭނެކަމަށް ވިދާޅުވި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދީންނާއި ދިވެހީނަށް އިސްލާމް ދީނާ ދިވެހިބަހާއި ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް، ދިވެހި ސަފާރާތައް (އެމްބަސީތައް) މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެކުވެރި ޔޫއޭއީގައި ދިރިއުޅޭ 200އަށްވުރެ ގިނަ ދިވެހިން ބައިވެރިވެފައިވެއެވެ.

ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނުކަމުގައިވީނަމަވެސް، ދިވެހިންގެ ހިތްތަކުގައި ދިވެހިވަންތަ ސަޤާފަތާއި ލޯބި އާލާކުރުމަށް އިސްކަން ދޭންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ މިކަމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަމުގެ ތެރެއިން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ދިވެހިންނަށް އިސްލާމް ދީނާ ދިވެހިބަހާ ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް ސަރުކާރުން، ސަފާރާތައް މެދުވެރިކޮށް ހަމަަޖައްސަވައިދެއްވާނެކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެންމެ އިސްކަން ދޭންޖެހޭނީ، އެ ޤައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލުއަހުވާލު ބަލައި ކަންކަން ފަހިކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދީނާ ސަޤާފަތާއި ޤައުމިއްޔަތަށް ދެއްވޭ އިސްކަމުގެތެރެއިން، އެމަނިކުފާނުގެ ކެބިނެޓުގައި މި ދާއިރާ އިތުރަށް ފުޅާކުރެއްވުމަށް ޚާއްސަ ވުޒާރާއެއް ވަނީ ހިމަނުއްވައިފައެވެ. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އުފެއްދެވުމުގެ އިތުރުން، ތަޢުލީމީ މަންޙަޖުގެތެރެއަށް "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމަށްވެސް އެމަނިކުފާނުވަނީ ނިންމަވައިފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަޤުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ޙާލުއަހުވާލު ބައްލަވައި، ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާނެކަމަށެވެ.