އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ތިންވަނަ މަގާމު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކަށަވަރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސަސްއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ސަސްއިން ލީޑު ނެގީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ލަނޑުންނެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި މުޙައްމަދު ސަޚާއު ވަނީ ސަސްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޗުމްޕު އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ 39 ވަނަ މިނެޓުގައި ސަސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަލާއުއެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ސަސައަށް ލިބިގެންދިޔައިރު، އެ ޓީމުން މި ހާފުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.
ދެވަނަ ބުރުގެ ކުޅުމަށްފަހު ލީގު ނިންމާލާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅާފައިވާއިރު، ސަސްއަށް މިހާރު ވަނީ ލީގުގެ ތިންވަނަ މަގާމު ޔަގީންވެފައެވެ. ސަސްއިން ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗުގެ ގޮތުގައި ހިމަނާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ނަމަވެސް ގްރީން ސްޓްރީޓްސް ލީގުން ވަކިވެފައިވުމާއެކު، އެ ޓީމުގެ މެޗުތަކުގެ ޕޮއިންޓްތައް ވަނީ އިދިކޮޅު ޓީމުތަކަށް ދީފައެވެ.
އެއާއެކު ތާވަލުގެ ތިންވަނައިގައި ސަސް އޮތީ ކުޅުނު 14 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު ކުލަބު އީގަލްސްއެވެ. އަދި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފައެވެ. އަދި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 22 ޕޮއިންޓާއެކުއެވެ.