ޚަބަރު

ޔަމަނުން ފޮނުވާލި ޑްރޯނެއް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން ވައްޓައިލައިފި


ޔަމަނުން ފޮނުވާލި ޑްރޯނެއް އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރަކުން ވައްޓާލައިފިއެވެ.

ޔަމަނަކީ އީރާނުގެ ތާއީދު އޮންނަ ހޫތީންގެ ކޮންޓްރޯލް އޮންނަ ގައުމެކެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ތާއީދާއެކު ޔަހޫދީ ޢިސްރާއީލުގެ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށިފަހުން ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ އަދި ޔަހޫދީންނާ ދެކޮޅަށް މަސައްކަތްކުރާ ހޫތީން އަންނަނީ ޑްރޯނާއި މިސައިލް ހަމަލާތައް އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކުރަމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ޔަމަނުން ފޮނުވާލި ޑްރޯންގެ ޢަމާޒު ނޭގުނު ނަމަވެސް އޭގެ މިސްރާބު ހުރީ އެމީހުންގެ ހަނގުރާމަމަތީ މަނަވަރަކާ ދިމާލަށެވެ. މި ކަމާއިގުޅިގެން އެއްވެސް މީހަކަށް އަދި އުޅަނދަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.

ޑްރޯން އާއި މިސައިލުން ހަމަލާތައް ދިނުން ގުޅިފައިވަނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށް އެއްގަމާއި ވައިގެ މަގުން ކެނޑިނޭޅި ދިން ހަމަލާތަކާއެވެ. ޢިސްރާއީލުގެ އެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްޠީނުގެ 15000ށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހަމަލާތަކުގެ ސަބަބުން، ޔަހޫދީންނާއި އެމީހުންނަށް ވާގިވެރިވާ އެމެރިކާއާމެދު މެދުއިރުމަތީގައި އޮތް ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން އެ ސަރަހައްދުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން އަންނަނީ ޢިސްރާއީލުގެ އިތުރުން އެމެރިކާ ސިފައިންނަށްވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

ލުބުނާނާއި ޔަމަނުން ފޮނުވާ ޑްރޯންތަކާއި މިސައިލްތަކާއި އިސްރާއީލަށް ކުރިމަތިލާން ޖެހިފައިވާއިރު، އިރާގާއި ސޫރިއާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއްވެސް ޔަމަނުން ވަނީ ދީފައެވެ. އެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބައެއް މީހުން ވަނީ މަރުވެފައެވެ.