ޚަބަރު

އެފްޑީސީން ހަދަމުންދާ ފްލެޓުގެ ބައެއް ޓަވަރުގައި ފެބްރުއަރީ މަހު މީހުންނަށް ދިރިއުޅެވޭނެ: ހަމްދާން


  • އެފްޑީސީގެ އައު އެމްޑީ ހަމްދާންވަނީ ޓަވަރުތަކުގެ މަސައްކަތް ބައްލަވާލައްވާފައި

  • ހަމްދާން ވިދާޅުވީ، އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ނުފެށޭ ކަމަށް

  • 20 މިނެޓުން ދެވޭހާ ކައިރީ ހުރިހާ އަސާސީ ޚިދުމަތް ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވި

މިދިޔަ ސަރުކާރުގައި ފަށާފައިވާ 4000 ފްލެޓްގެ މަސައްކަތް އަވަސްކުރައްވާނެ ކަމަށާއި، އަންނަ ފެބްރުއަރީ މަހު ބައެއް ޓަވަރުތައް މީހުން ދިރިއުޅުމަށް ދޫކޮށްލެވޭ ވަރަށް މަސައްކަތް ނިންމާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޙަމްދާން ޝަކީލް އައްޔަންކުރެެއްވީ މިދިޔަ އަންގާރަދުވަހުއެވެ. ހަމްދާންވަނީ އެކުންފުނިން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓް ކަމަށްވާ އަމާން އުދަރެސްގެ 16 ޓަވަރާއި، އަމާން ދޯދީގެ 16 ޓަވަރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލައްވާލައްވާފައެވެ.

މިމަސައްކަތްތައް އަވަސްކުރުމަށް އައު ސަރުކާރުން މަސައްކަތްތައް ރާވާނެގޮތާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހަމްދާން ވިދާޅުވީ، އެފްޑީސީގެ ޓީމުން އެމަސައްކަތް ވަރަށް ރަނގަޅަށް ބަލަމުންދާކަމަށެވެ. އެގޮތުން ހުރިހާ ޓަވަރުތަކުގެވެސް މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، ދެން އެންމެ އިސްކަމެއް ދޭނީ އެސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، މަސައްކަތްތައް އަވަސްކުރުމަށް ކަމަށް ހަމްދާން ވިދާޅުވިއެވެ.

ފްލެޓްތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމުގައި ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި، އެސަރަޙައްދުގައި ރަނގަޅު މުވާސަލާތީ ނެޓްވޯކެއް ނެތުމާއި، އަސާސީ ޚިދުމަތްތައް ޤާއިމުކުރަން ނުފެށި ހުރި ހުރުން ހަމްދާން ފާހަގަކުރެއްވިއެވެ.

ހަމްދާން ވިދާޅުވީ، މޯބައިލް ރޭންޖް ނުލިބޭ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ "ސެލް ޓަވަރ"އާއި، އަދި އެ ސަރަޙައްދުގައި މީހުން އާބާދުވާން ފެށުމުގެ ކުރިން ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.

އެގޮތުން ޓަވަރުތަކުގެ ތިރީގައި ފިހާރައާއި، ފާމަސީތަކާއި އަދި އާއްމު އެހެނިހެން ޚިދުމަތުގެ އިތުރުން، އޮފީސް ހިންގުމަށް ޖާގަ ކަނޑައަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމްދާން ވިދާޅުވީ، ޓަވަރުތަކުގެ ދިރިއުޅޭ މީހުން، އެންމެ ލަސްވެގެން 20 މިނެޓުން ދެވޭހާ ކައިރީގައި، އަސާސީ މުހިންމު ހުރިހާ ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

"ބޭހެއް ގަންނަން، ގެއަށް ތަރުކާރީއާއި ކާބޯތަކެތި ގަންނަން ދުރަށް ރައްޔިތުން ފޮނުވާކަށް ބޭނުމެއް ނޫން. މީހުން ޓަވަރުތަކަށް އަންނައިރު، މި ޚިދުމަތްތައް ކައިރިން ލިބެން ހުނާނެ ގޮތް ހަދާނަން. އެންމެ ލަސްވެގެން 20 މިނެޓުން ދެވޭހާ ކައިރީގައި މިފަދަ ހުރިހާ އަސާސީ ޚިދުމަތްތައް ހުންނާނެ." ހަމްދާން ވިދާޅުވިއެވެ.

ނިމުނު ސަރުކާރުގައި އެންމެ ފަހުން ވިދާޅުވެފައިވަނީ، މިޑިސެމްބަރުމަހުގެ ނިޔަލަށް 4 ޓަވަރެއްގެ މަސައްކަތް މުޅިން ނިންމާނެކަމަށެވެ. މިކަމާއި ގުޅޭގޮތުން ހަމްދާން ވިދާޅުވީ، އެއްވެސް ޓަވަރެއް މިމަހުގެ ނިޔަލަށް ނުނިމޭނެކަމަށެވެ. ނަމަވެސް ބާރަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ހުރި ޓަވަރުތަކުގެ މަސައްކަތް، އަންނަ ފެބްރުއަރީއަށް ނިމޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މިސަރުކާރުގެ އަމަޒަކީ މިފްލެޓްތައް ވީހާވެސް އަވަހަށް ނިންމާ ޙައްގުވެރި ފަރާތްތަކާއި ހަވާލުކުރުންކަމަށާއި، އެތަންތަނުގައި ފެބްރުއަރީ މަހު މީހުންނަށް ދިރިއުޅެން ފެށޭވަރަށް މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

"ޑިސެމްބަރަށް ނިމޭކަށް އެއްވެސް ޓަވަރެއް ނެތް. ލިފްޓް ހަރުކުރުމާއި، ޔުޓިލިޓީގެ އެކި މަސައްކަތްތައް ކުރަން އަދި އެބަހުރި. ފެބްރުއަރީއަށް ނިމޭނެކަމަށް އަންދާޒާކުރަނީ." ހަމްދާން ވިދާޅުވިއެވެ.

ނިމުނު ސަރުކާރުގައި މަސައްކަތްކުރީ މިއަހަރުގެ މެއި ހިސާބަށް، ވަކި އަދަދަކަށް ޓަވަރުތައް ނިންމާ ދޫކޮށްލުމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޓަވަރެއްގައި، މީހުން ދިރިއުޅެވޭވަރަށް އެއްވެސް ޓަވަރެއް ނިމިފައެއް ނުވެއެވެ.

މި ޕްރޮޖެކްޓްގައި މިހާތަނަށް 8 ޓަވަރުގެ ކޮންކްރީޓް މަސައްކަތް ނިމި، 4 ޓަވަރުގައި އަންނަނީ ފިނިިޝިން މަސައްކަތް ކުރަމުންނެވެ.

ނިމެމުންދަނީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕަރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ.

މިމަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.