ޚަބަރު

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގައި ރައީސްގެ ތަސައްވުރު ދާއިރާގެ ބޭފުޅުންނާ ހިއްސާކުރައްވައިފި


  • ޤައުމިއްޔަތު ދިރުވުމުގެ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

  • ރައީސްގެ ޤައުމިއްޔަތުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައި

  • "ދިވެހި ބަގީޗާ"ގެ ނަމުގައި މިބައްދަލުވުންތައް މެދުނުކެނޑި ބާއްވާނެ

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު، މިދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ހިއްސާކުރައްވައިފިއެވެ. މިތަސައްވުރު ހިއްސާ ކުރެއްވީ ދިވެހި ޤައުމިއްޔަތުގެ ބަހާތައް ދިރުވައި އަލާކުރުމުގެ ޚިދުމަތް އަދާކުރައްވާ ޚިދުމަތްތެރިންގެ ޝަރަފްގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް، މި ސަރުކާރުން ޤައުމިއްޔަތުގެ ބަހާތައް ދިރުވުމުގައި ގެންގުޅޭ ސިޔާސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް، "ދިވެހި ބަގީޗާ"ގެ ނަމުގައި ހަވީރުގެ ސައިފޮދަކާއެކު ބޭއްވެވި މިބައްދަލުވުން އޮތީ ސަލްޓަންޕާކް-އެމްޕިތިއޭޓަރުގައެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބޭއްވެވި މިބައްދަލުވުމުގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފުންނާބުއުސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ "ދިވެހި ބަގީޗާ"ގެ ނަމުގައި މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު، މި ދާއިރާގައި މަސައްކަތް ކުރައްވާ ޚިދުމަތްތެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. ވަޒީރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ޚިދުމަތްތެރިންގެ އެހީ، ރައީސް ޑރ. މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ވެސް އެފަދައިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ނަސީރު ވިދާޅުވީ މިދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭބޭފުޅުން އަމިއްލަފުޅަށް ގުޅުއްވާ، ޤައުމިއްޔަތު މަޝްރޫޢާއިމެދު ޝައުޤުވެރިކަން ފާޅުކޮށް، މި މަޝްރޫޢުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިމަސައްކަތުގައި ހުރިހާ ދާއިރާއަކުން ވެސް އެކި ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. މިހާރުވެސް އަމިއްލަފުޅަށް ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނާއި އެބަ ގުޅުއްވާ. އެއީ ރައީސްގެ މި މަޝްރޫޢުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާތީ." އާދަމް ނަޞީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީރު އާދަމް ނަޞީރު ވިދާޅުވީ "ދިވެހި ބަގީޗާ" ގެ ބައްދަލުވުންތައް މެދުކެނޑުމެއްނެތި ބާއްވަވާނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖޭގެ އަސްލުތަކާއި ގުޅޭ މަޢުޟޫތަކަށް ވާހަކަދެކެވި، މަޝްވަރާ ކުރެވޭނެކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު ދިރުވުމުގެ ސިޔާސަތުތަކުގެ ދަށުން މައިގަނޑު 3 މަޝްރޫޢެއް ފެށުމުގެ މަސައްކަތް ދިވެހިބަހާ ބެހޭ ވުޒާރާއިން ކުރައްވަމުން އަންނަ ކަމަށް، މީގެ ކުރިން އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ ޤައުމިއްޔަތާއި ގުޅުންހުރި ބަހާތަކާއި ބެހޭ ކަންކަން ދިރާސާ ކުރުމަށް 50 ދިރާސާވެރިންގެ ގުރޫޕެއް އުފެއްދުމާއި، ބަހާއި ތަރިކައާ ސަގާފަތާއި ގުޅޭ ކޮލެޖެއް އުފެއްދުމުގެ އިތުރުން، ޤައުމީ ޗާޕުޚާނާގެ މަޝްރޫޢު އަލުން އިޢާދަކުރެއްވުމެވެ.