ޚަބަރު

ކޮޕް-28 ސަމިޓް ދުބާއީގައި ފަށައިފި؛ މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ތަޤްރީރުކުރައްވާނެ


  • މި ސަމިޓް ފެށީ މިއަދު

  • ޑިސެމްބަރ 12ގެ ނިޔަލަށް ސަމިޓް ކުރިއަށްދާނެ

  • ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައި

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް28 ސަމިޓް މިއަދު ފަށައިފިއެވެ. ކޮޕް ސަމިޓް ކުރިއަށްދަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައެވެ.

މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮޕްގެ ރައީސް ސުލްތާން އަލް ޖަބަރ ވަނީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ކޮޕް28 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް މިސަމިޓްގައި ބައިވެރިވެވަޑައިގަންނަވައެވެ. މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިސަމިޓް ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޮޕް ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގިނަ ލީޑަރުންތަކަކާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފުރުސަތުގެ ބޭނުންކުރައްވާ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވާނެކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފްވަނީ ވިދާޅުވެފައެވެ. އެގޮތުން މި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވަމުންދާ މައްސަލަތަކާ އެމައްސަލަތައް ހައްލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްސާކުރައްވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލު ތަކުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކުރުމަށް ފަންޑު ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މިސަމިޓުގެ ތެރެއިން މަޝްވަރާކުރައްވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ކޮޕް28 ސަމިޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް ސަމިޓް އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެއް އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއްބަދަލުވުމެވެ. ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީއޯޕީ ނުވަތަ ކޮޕް) އަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ އޮނިގަނޑު މުއާހަދާ (ޔޫއެންއެފްސީސީ) މައިގަނޑު ނިންމުންތައް ނިންމާ ފަރާތެވެ. އެއީ އެމުއާހަދާގައި ސޮއިކޮށްފައިވާ 198 ޕާޓީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އެއްކޮށްލާފައިވާ ޕާޓީއެކެވެ. ކޮޕްގެ ފުރަތަމަ ޖަލްސާ އޮތީ 1995 ވަނަ އަހަރުގެ މާރިޗު މަހު ޖަރުމަނުގެ ބާލިންގައެވެ. ޔޫއެންއެފްސީސީސީގެ ބެލުމުގެ ދަށުން އެކި ގައުމުތަކުގައި އަހަރަކު އެއްފަހަރު ކޮޕް ކޮންފަރެންސްތައް ބާއްވައެވެ.