ރާއްޖެއަކީ ނެޓްބޯޅައިގެ މުސްތަގުބަލް އޮތް ގައުމެއް ކަމަށާއި، ނެޓްފިޓް ކެމްޕޭނުގެ ދަށުން މިހާތަނަށް ކުރިއަށްދިޔަ ސެޝަންތަކުން ދިވެހިންގެ ހުނަރުވެރިކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޮސްޓްރޭލިއާއަށް ނެޓްބޯލް ވޯލްޑް ކަޕް ހޯދައިދިން ޓީމުގެ ކެޕްޓަން ޝާނީ ލޭޓަން ބުނެފިއެވެ.
މި ސެޝަންތަކުގައި ޝާނީ އާއެކު ބައިވެރިވަނީ ސެޝަންތައް ހިންގާ ނެޓްފިޓް އޮސްޓްރޭލިއާގެ މަސްއޫލުވެރިޔާ އަދި ތިން ޗެމްޕިއަންޝިޕް ހޯދި އެންމެ މަތީ ފަންތީގެ އެއް ކުޅުންތެރިޔާ ކަމަށްވާ ސަރާ ވޯލްއެވެ.
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ޝާނީ ބުނީ މިހާތަނަށް ރާއްޖޭގައި ހޭދަކުރެވުނު ކޮންމެ ވަގުތަކީވެސް ވަރަށް ހިތްހަމަޖެހޭ އަދި އުފާވެރި ވަގުތުތަކެއް ކަމަށާއި، މިހާތަނަށް ގައުމީ ނެޓްބޯޅަ ޓީމާއި ކުލަބު ގްރީން ސްޓްރީޓްސް އަދި އެމްވީ ނެޓާސްއާ ގުޅިގެން ގިނަ ސެޝަންތަކެއް ބޭއްވިފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު ސެޝަންތަކެއް ކަމަށާއި، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އެހީތެރިވެދެވޭތީ ކަމަށް ޝާނީ ވަނީ ބުނެފައެވެ.
ނެޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަނުންނާއެކު ރާއްޖޭގެ ގްރީން ސްޓްރީޓްސް އިސްވެ އޮވެ ބާއްވަމުން އަންނަ މި ސެޝަންތަކުގެ ތެރެއިން ގައުމީ ނެޓްބޯޅަ ޓީމާއި ޖޫނިއާ ކުދިންގެ އިތުރުން އެމްވީ ނެޓާސް އާއި ގްރީން ސްޓްރީޓްސްގެ ނެޓްބޯޅަ ޓީމާއެކު ސެޝަންތަކެއް ވަނީ ބާއްވާފައެވެ.
ޝާނީ ބުނީ މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށާއި، ނެޓްބޯޅައިގެ ފޯރި ރާއްޖޭގައި އޮތީ އޭނާ ހީކުރިވަރަށްވުރެ ބޮޑުކޮށް ކަމަށެވެ. އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ޝާނީ ފާހަގަކުރީ ދިވެހިން ނެޓްބޯޅައަށް ދެމުން އަންނަ ފޯރިއެވެ. މިއީ ރާއްޖޭގައި ނެޓްބޯޅައިގެ މުސްތަގުބަލެއް ބިނާކުރެވިދާނެ ކަމުގެ ބޮޑު ހެއްކެއް ކަމަށާއި، އުއްމީދަކީ މުސްތަގްބަލުގައި ދުނިޔޭގެ ފެންވަރުގެ ޓީމެއް ރާއްޖޭގައި އުފެދިގެން ދިއުން ކަމަށްވެސް ވަނީ ބުނެފައެވެ.
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ސާރާ ބުނީ މި ސެޝަންތަކުގައި ނެޓްބޯޅައިގެ ގިނަ ބައިތަކެއް ކިޔައިދީފައިވާނެ ކަމަށާއި، މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ނެޓްބޯޅަ ކުރިއަރުވަން އެހީތެރިވެދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށްވެސް ސާރާ ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ މިހާތަނަށް ކުރިއަށްދާ ނެޓްބޯޅައިގެ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތުގެ ދަށުން އދ. އޮމަދޫގައިވެސް ސެޝަންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.