ޚަބަރު

މަންޑޭގެ އެޕާޓްމަންޓާއި އެތަނުގައި ހުރި ތަކެތީގެ އަގު ދައުލަތުގެ ވުޒާރާއެއްގެ އަހަރުގެ ބަޖެޓާކާ ހަމަ


  • މަންޑޭގެ މައްޗަށް 225 ދައުވާއެއް ވަނީ އުފުލާފައި

  • 41 އެޕާޓްމަންޓް 107 މީހުންނަށް ހުރީ ވިއްކާފައި

  • މިފެށޭ ހަފްތާގައި ދައުވާކުރަން ފޮނުވުމަށް ދަނީ ތައްޔާރުވަމުން

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލައިގައި ދައުވާ ކުރާ ހަސަން މަމްދޫހުގެ އެޕާޓްމަންޓާ އެތަނުގައި ހުރި ތަކެތީގެ އަގު ދައުލަތުގެ ވުޒާރާއެއްގެ އެއްއަހަރުގެ ބަޖެޓާ ހަމަ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މއިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިމައްސަލާގައި ތުހުމަތުކުރެވޭ ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެން އޮތްކަމަށެވެ.

މިޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށެވެ.

މި ޕެންޓް ހައުސްގައި ހުރި ގަހަނާއާއި ރީތިވާން ގެންގުޅޭ ސާމާނުގެ އަގު މިލިއަނުން ގުނާލެވޭނެއެވެ. އެގޭގައި ހުރި އަތް ދަބަސްތަކުގެ އަގުވެސް މިލިއަނަކަށް އަރައެވެ. މިތާނގައި ހުރި ދަބަސްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ހުރިހާ ބްރޭންޑްތަކެއްގެ ދަބަސް ހިމެނެއެވެ. މިއިން އެންމެ ދަބަހެއްގެ އަގު އުޅެނީވެސް 90000 ރުފިޔާއަށެވެ.

އަދި އަރަން ގެންގުޅޭ ފައިވާނާ ބޫޓެއްގެ އަގު އުޅެނީ އެއްހާސް ޑޮލަރުން ފެށިގެން ހަތަރުހާސް ޑޮލަރާ ދެމެދުގައެވެ. މަންޑޭ އާއި އޭނާގެ އަންހެނުންގެ ސެންޓު ރެކުގައި ދުއިސައްތަ ފުޅި ސެންޓު ހުއްޓެވެ. އޭގެ ތެރޭގައި ހަތަރުހާސް ޑޮލަރުގެ އަގުހުރި ސެންޓުގެ ފުޅިތައް ހުރިކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި އެގޭގައި އަޅާފައި އޮތް ކާޕެޓަކީވެސް އެހާ އަގުބޮޑު ކާޕެޓެކެވެ. ގޭތެރެ އަލިކުރުމަށް ލާފައި ހުރި ބޮކިތަކަކީ ބިލިއަނަރުންގެ އެޕާޓްމަންޓް ތަކުގައި ހުންނަ ފަދަ ލަގްޒަރީ ލައިޓްތަކެކެވެ.

މިގޭގައި ހުރި މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ޗެނަލް، ޑިއޯ، ލުއިވިތޯން، ހާމިސް، ސީކޭ ފަދަ ބްރޭންޑްތައް ހިމެނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ކަމަށްވާ ރޮލެކްސްގެ އަތުކުރި ގަޑިވެސް ހުރިކަން ފާހަގަކުރެވެއެވެ. އަދި މަމްދޫހުގެ ދަރިފުޅު ލައިގެން ދުއްވާ ރިކްސަރގެ އަގަކީވެސް ފަސްހާސް ޑޮލަރެވެ.

" މި މައްސަލައާ ގުޅިގެން 18 ނޮވެންބަރު 2023 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޙަސަން މަމްދޫޙް ދިރިއުޅުނު އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައި. އަދި 28 ނޮވެންބަރު 2023 ދުވަހު ޙަސަން މަމްދޫޙް ދިރިއުޅުނު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އެ ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 (ހަތެއް) މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ބެލެވޭ" ޕީޖީ ޝަމީމު ވިދާޅުވިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މއ.އެރަލްސީ ހަސަން މަމްދޫޙާއި އިތުރު މީހެއްގެ މައްޗައް ދައުވާކުރުމަށް މިފެށޭ ހަފްތާގައި ކްރިމިނަލް ކޯޓަށް ފޮނުވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ.

މަމްދޫހަކީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރެވެ. ޕީޖީ ޝަމީމް ވިދާޅުވީ މަމްދޫހުގެ މައްޗައް 225 ދައުވާއެއް އުފުލާފައިވާކަމަށެވެ. މަމްދޫހުގެ އިތުރުން ދެން ދަޢުވާ އުފުލަނީ ރ.އަލިފުށި ކިނާރާ ޖައިޝާން ސައީދުގެ މައްޗަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކޭޕާކް ރެސިޑެންސްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި ހުރިކަން ފުލުހުންގެ ތަޙުޤީގުން އެނގެން އޮތްކަމަށެވެ. އެގޮތުން 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާކަން އެނގެން އޮތްކަމަށް ވިދާޅުވިއެވެ. ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕަރޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވެއެވެ. އެގޮތުން ބައެއް އެޕާޓްމަންޓް 06 މީހުން، އަދި 07 މީހުންނަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

"މިމައްސަލައިގައި ދައުވާ ކުރުމަށް އަންނަ ހަފްތާގައި ފޮނުވާނަން މަމްދޫޙަށް 225 ދައުވާއެއް ކުރާނެ. އެއީ މިމައްސަލައިގެ ތެރެއިން އެތައްކަމެއް މިހާރުވަނީ ފެންމަތިވެފައި" ޕީޖީ ޝަމީމް ވިދާޅުވިއެވެ.


ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާކަންވެސް ތަހްޤީޤަށްވަނީ ހޯދިފައިވެއެވެ. މިޕެންޓްހައުސް މިހާރުވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.