ޚަބަރު

ކިންގްސްގެ ޕޮންޒީ ސްކީމުން ގެއްލުން ލިބުނު ކޮންމެ މީހެއްގެ ހާދިސާއަށް ވަކިން ދަޢުވާ ކުރާނެ: ޕީޖީ


  • މިހާތަނަށް ދަޢުވާ އުފުލާފައިވަނީ ގެއްލުން ލިބުނު 13 މީހެއްގެ ހާދިސާއަށް

  • މި މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފައިވޭ

ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމުގެ ކުށުގައި ދަޢުވާ ކުރި ތިން މީހުންގެ މައްޗަށް، އެ ސްކޭމްގެ ސަބަބުން ގެއްލުން ލިބުނު ކޮންމެ މީހެއްގެ ހާދިސާއަށް ވަކިން ދަޢުވާ ކުރާނެ ކަމަށް ޕްރޮސިކިޔުޓަ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕޮންޒީ ސްކީމެއް ހިންގުމުގެ މައްސަލާގައި "ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް"ގެ 3 ހިއްސާދާރުންގެ މައްޗަށް ދަޢުވާ ކުރަން މިމަހުގެ 23 ވަނަ ދުވަހު، ޕީޖީ އޮފީހުންވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. މިމީހުންގެ މައްޗަށް ޖުމްލަ 13 ދަޢުވާއެއް އުފުލާފައިވެއެވެ. އެ ދަޢުވާތައް އުފުލާފައިވަނީ ސްކޭމުން ގެއްލުން ލިބުނު 13 މީހެއްގެ ބައިންނެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްރޮސިކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ޕޮންޒީ ސްކީމްގެ މިމައްސަލާގައި ދަޢުވާ ކޮށްފައިވަނީ އަދި އެއްބައި މީހުންގެ ކިބައިން ކަމަށެވެ. އަދި މިސްކޭމުގެ ސަބަބުން ގެއްލުން ލިބުނު އިތުރު ފަރާތްތަކެއް ވެސްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މި މައްސަލާގައި ގެއްލުން ލިބުނު އިތުރު މީހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ބަސް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

"އެ މައްސަލާގައި މިހާތަނަށް އަޅުގަނޑުމެން މި ދަޢުވާ ކުރީ އަދި އެއްބައި މީހުންގެ މައްޗަށް. މި މައްސަލާގައި ގެއްލުން ލިބުނު އިތުރު މީހުން އެބަތިބި. ދެން އެ މީސްމީހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ދޭންވާ ބަޔާން ދިނުން ފަދަ ކަންކަން އެބަ ކުރިއަށްދޭ. އެހެންވީމަ، އެކަންކަން ކުރިއަށްދާ ވަރަކަށް އިތުރު ދަޢުވާތައް ވެސް ކޯޓަށް ހުށައަޅަމުން ދާނަން." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަމީމް ވިދާޅުވީ ހެކި ބަސް ނަގާ، ދަޢުވާ ކުރުމަށް ޕީޖީއަށް ފުލުހުން ހުށައަޅާ މިންވަރަކުން، ގެއްލުން ލިބުނު އެހެން މީހުންގެ ފަރާތުން ވެސް ދަޢުވާ ކުރަމުންދާނެ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވާ އުފެއްދި ކުންފުންޏެކެވެ. އަލްހާންވެސް ހިމެނޭހެން އެކުންފުނީގެ 3 ހިއްސާދާރުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ އެކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައެވެ.

މި މައްސަލައިގައި ދެން ދަޢުވާކޮށްފައިވަނީ އަލްހާންގެ ދެ ކޮއްކޮ ޞަޙުބާން ފަހުމީއާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 39 ދަޢުވާއެއް ކޮށްފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި "ޓެކުން" ކަމަށް މާނަކޮށްފައިވަނީ އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ޚިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ދަޢުވާތައް އުފުލާފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއިން އާންމުކޮށްފައިވާ ސްކީމަށް އެކި ފަރާތްތަކުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.