 
										
			ދުނިޔޭގެ ސްކޭޓިންގެ މައި އިދާރާ ކަމަށްވާ ސްކޭޓް ވޯލްޑުން ރާއްޖޭގެ ސްކޭޓް މޯލްޑިވްސްއަށް ރަސްމީ ހައިސިއްޔަތު ދީފިއެވެ. 
މިއީ ސްކޭޓިންގެ ތާރީހުގައި ބައިނަލްއަޤްވާމީ ގޮތުން ރަސްމީ ހައިސިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. މިކަން އިއުލާނުކޮށްފައިވަނީ ނިމިދިޔަ އިންލައިން ސްޕީޑް ސްކޭޓިން ޗެމްޕިއަންޝިޕުގެ ތެރެއިންނެވެ. 
މިހާތަނަށް ރާއްޖޭގައި ސްކޭޓިންގެ ހަރަކާތްތައް ކުރިއަށްދިޔައީ ވޯލްޑް ސްކޭޓުގެ އެއްވެސް ބައިވެރިވުމެއް ނެތިއެވެ. މި ޝަރަފް ސްކޭޓް މޯލްޑިވްސްއަށް ލިބުނުއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ހަރަކާތްތަކާއި މުބާރާތްތަކަށް ބެލުމަށްފަހު ކުރި މަސައްކަތަށް ބިނާކޮށް ލިބުނު ޝަރަފެއް ކަމަށް ސްކޭޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. 
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްވަމުން ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވިދާޅުވީ މި ލިބުނު ޝަރަފާއެކު ރާއްޖޭގައި ސްކޭޓިންގެ ހަރަކާތްތައް ރަސްމީގޮތުން ކުރިއަށްދާނީ ސްކޭޓް މޯލްޑިވްސްގެ ދަށުން ކަމަށެވެ. އަދި މި ޝަރަފާއެކު ކުރިއަށްއޮތް ތަނުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި ސްކޭޓިންގެ ޖުމްލަ 12 ވައްތަރެއް ހިމެނޭ ކަމަށެވެ. އަދި ފަހަރަކު ކަމެއް ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތް ފަށާނެކަމަށްވެސް ބުންޏެވެ. 
		
 
					
									
			ސްކޭޓިން އަކީ އޮލިމްޕިކް ކުޅިވަރެއް ކަމުން މުސްތަގްބަލުގައި އެންމެ ފުރަތަމަ އަމާޒު ހިފާނީ ސަރަހައްދީ މުބާރާތްތަކުން ރާއްޖެއަށް ކާމިޔާބީތަކެއް ހޯދުން ކަމަށް ހާނިމް ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ 16 ކުދިންނާއެކު އެ ޤައުމުގައި ކާމިޔާބު ޓްރެއިނިން ކޭމްޕެއް ބާއްވާފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި އިތުރު ކޭމްޕުތަކެއް ބާއްވަން މަސައްކަތްކުރާނެ ކަމަށެވެ. 
ރޯލަރ ސްކޭޓިން އެސޯސިއޭޝަނުގެ ނަމުގައި 2019 ވަނަ އަހަރު ހަރަކާތްތައް ފެށިއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން އެސޯސިއޭޝަނުގެ ހަރަކާތްތައް މަޑުޖެހުނެވެ. ނަމަވެސް 2021 ވަނަ އަހަރު ފެށި މުބާރާތާއެކު މި ކުޅިވަރު ރާއްޖޭގައި ފުޅާވިއެވެ.
ރާއްޖެއަށް ރަސްމީ ހައިސިއްޔަތު ލިބުނީ ރޯލަރ ސްކޭޓިން އެސޯސިއޭޝަނުގެ ނަން ސްކޭޓް މޯލްޑިވްސްއަށް ބަދަލުކުރުމުންނެވެ.