ކުޅިވަރު

އަމިއްލަ ބާރު ގެއްލި ޔުނައިޓެޑަށް ކެޓުމުގެ ބިރު


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ތުރުކީގެ ގަލަތަސަރާއިއާ އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑަށް ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

ތުރުކީގައި ރޭ ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގަލަތަސަރާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ދެ ޓީމުންވެސް ވަނީ އެޓޭކުތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ 18 މިނެޓު ތެރޭ ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އަލެހަންދްރޯ ގާނާޗޯ ޔުނައިޓެޑަށް ލީޑު ނަގައިދިންއިރު، އޭގެ ހަތް މިނިޓް ފަހުން ބްރޫނޯ ފެނާންޑޭސް ވަނީ އޭރިއާ ބޭރުން ލަނޑެއް ކާމިޔާބުކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު ޔުނައިޓެޑުގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަތުން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ގަލަތަސަރާއިން ވަނީ ޔުނައިޓެޑް ޕްރެޝަރަށް ވައްޓާލަފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޒިޔެޗް ލަނޑެއް ޖަހައި ގަލަތަސަރާއިއަށް އުއްމީދެއް ހޯދައިދިން ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މި މެޗުގައި ގަލަތަސަރާއިގެ ދެވަނަ ލަނޑުވެސް ޖެހީ، އޮނާނާގެ ގޯހަކާ އެކު ޒިޔެޗްއެވެ. އަދި ގަލަތަސަރާއިއަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ކަރީމް އަކްތުރުކޮގްލޫއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އެގޮތުން ފަހު މެޗުގައި ގަލަތަސަރާއި އާއި ކޯޕެންހާގެން ބައްދަލުކުރާ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ޔުނައިޓެޑް ކަޓާނެއެވެ. އަދި ޔުނައިޓެޑަށް ކުރިއަށްދެވެން އޮތީ އެ ޓީމުގެ ފަހު މެޗުގައި ޖަރުމަނުގެ ބަޔާން މިއުކިން ބަލިކޮށް، ގަލަތަސަރާއި އާއި ކޯޕެންހާގެން މެޗު އެއްވަރުވެގެންނެވެ.

މި ވަގުތު ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ރޭ ކޯޕެންހާގެންއާ ލަނޑެއް ނުޖެހި އެއްވަރުވި ބަޔާންއެވެ. ފަސް މެޗުން ބަޔާނަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ކޯޕެންހާގެން އާއި ތިންވަނައިގައި އޮތް ގަލަތަސަރާއިއަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ޔުނައިޓެޑް އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ.