ކުޅިވަރު

މާޒިޔާ ކަޓުވާލައި ބަޝުންދަރާއިން ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފި


މެޗުގެ ފަހުކޮޅު ފަހަތުން އަރައު ކާމިޔާބުކުރި ލަނޑުތަކާއެކު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ކަޓުވާލައި އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް، އެ ޤައުމުގައި ކުޅުނު މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ބަޝުންދަރާ އެރީނާގައި ކުޅުނު މެޗު ބަޝުންދަރާ ކިންގްސް ކާމިޔާބުކޮށްފައިވަނީ މާޒިޔާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައު ކާމިޔާބުކުރި ލަނޑުތަކާއެކު 2-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ބާކީ މެޗެއް އޮއްވައި، މުބާރާތުން ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ބަންދުވެފައެވެ. މި ނަތީޖާއާއެކު ބަޝުންދަރާ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

މެޗުގެ ބޮޑުބައި މާޒިޔާއިން ލީޑު ނަގައިގެން ކުޅުނު މި މެޗުގައި މާޒިޔާއިން ލަނޑުޖެހީ 10 ވަނަ މިނެޓުގައެވެ. މިއީ ބަޝުންދަރާގެ ކީޕަރު މެހެދީ ހަސަން ހެދި ގޯހަކުން މާޒިޔާ މެދުތެރެއަށް ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު، އޮބެން ރޭގަން ކާމިޔާބުކުރި ލަނޑެކެވެ. ބަޝުންދަރާއިން ނަތީޖާ އަނބުރާލީ މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ އުޒްބެކިސްތާން ކުޅުންތެރިއާ ބޮބުރްބެކް ޔުދާޝޯފް ކާމިޔާބުކުރި ލަނޑުންނެވެ. ނަތީޖާ ހަމަހަމަކުރިތާ އަށް މިނިޓް ފަހުން، ބަޝުންދަރާ މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު، މިގޭލް ފިގޭރާ އެވެ.

ބަޝުންދަރާގެ ކޯޗަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އޮސްކާ ބްރުޒޮން އެވެ. މި ގްރޫޕުން އެއްވަނައަށް ދާ ޓީމަކަށް ދެވަނަ ބުރު ލިބޭއިރު ބަޝުންދަރާ އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާއެކު މޯހަން ބަގާން އެވެ. މާޒިޔާ އަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ.