ރާއްޖޭގައި އެންމެ ފަސޭހައިން ކުރިއަރައިގެންދާނެ ކުޅިވަރަކީ ނެޓްބޯޅަ ކަމަށް ދާދި ފަހުން ކުޅިވަރާ ބެހޭ ވުޒާރާގެ ނައިބު މަގާމަށް އައްޔަންކުރެއްވި އައިޝަތު ނާޒިމާ ވިދާޅުވެއްޖެއެވެ.
ފިއޮންތި ސްޕޯޓްސް ކުލަބުން އިސްނަގައިގެން ބާއްވާ ނެޓްބޯޅަ ފެސްޓިވަލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނާޒިމާ ވިދާޅުވީ ނެޓްބޯޅައަކީ ރާއްޖޭގައި އޮތް ހަމައެކަނި އަންހެނުން ޚާއްސަ ކުޅިވަރަށް ވެފައި، ނެޓްބޯޅަ ރާއްޖޭގައި ކުރިއަށްގެންދަން ބޭނުންވާ ފެންވަރަށް ގެންދެވިފައި ނުވާ ކަމަށެވެ.
ކުރިން ނެޓްބޯޅަ ކުޅެ މިހާރު ނެޓްބޯޅައިގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ނާޒިމާ ވިދާޅުވީ ނެޓްބޯޅައަށް ބަލާއިރު ރަނގަޅުކުރަންޖެހޭ ވަރަށް ގިނަކަންކަން އޭނާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހިތްހަމަނުޖެހޭ ގިނަ ކަންކަން މި ވަގުތު ނެޓްބޯޅައިގައި ހުރި ނަމަވެސް، އެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމާ ވިދާޅުވީ މިހާރު ރާއްޖެއިން ބޭރުގައި ޖޫނިއާއަށް ބެލިކަމުގައި ވިޔަސް އަދި ސީނިއާ ލެވެލްއަށް ބެލިކަމުގައި ވިޔަސް، ގިނަ މުބާރާތްތަކެއް ކޮންމެ އަހަރުކުވެސް އޮންނަ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުޅިވަރު އިތުރަށް ކުރިއަރުވަން ކޮންމެވެސް މަސައްކަތަކެއް ކުރަންޖެހޭ ކަމަށްވެސް ނާޒިމާ ވިދާޅުވިއެވެ.
ނާޒިމާ ވިދާޅުވީ ނެޓްބޯޅަ ތަމްރީނުތައް ގެންދަން ބެލިކަމުގައި ވިޔަސް ނެޓްބޯޅަ ރާއްޖޭގައި އޮތީ ނެޓްބޯޅަ ކުޅެން އެންމެ ކޯޓެއް ކަމަށާއި، އެއީ މި ކުޅިވަރުގައި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"އަހަރުން އަހަރަށް ބެލިކަމުގައި ވިޔަސް ރާއްޖޭން ބޭރުގައި ޖޫނިއާ އަދި ސީނިއާ މުބާރާތްތައް އެބަ ބޭއްވޭ،. އޭޖް ގުރޫޕް ޓޯނަމަންޓުތަކެއް އޮވޭ ރާއްޖެއިން ބޭރުގައި. ހުރިހާ ޓޯނަމަންޓުތަކެއް އޮތްއިރުގައި ހުރިހާ ކަމެއް ކުރެވެން އޮތިއްޔާ ކީއްވެތޯ ސަރުކާރުންވެސް އިސްނައިގައިގެން މި ކުޅިވަރު ބައްޓަންކުރަން މަސައްކަތް ނުކުރަންވީ؟އައިޝަތު ނާޒިމާ - ކުޅިވަރާ ބެހޭ ވުޒާރާގެ ނައިބު
ނާޒިމާ ވިދާޅުވީ ދާދިފަހުން ހުޅުމާލޭގައި ދެ ކޯޓެއް ގާއިމުކުރެވެންދެން ނެޓްބޯޅަ ތަމްރޫންތަކާއި މުބާރާތްތައް ބާއްވަމުން ދިޔައީ ދަތިހާލުގއި ކަމަށެވެ. އަދި އެސޯސިއާޝަނާ ކުޅިވަރުގެ ވުޒާރާއާ ގުޅިގެން މަސައްކަތް ކޮށްފި ކަމަށް ވާނަމަ، ނެޓްބޯޅައިން ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބުތަކެއް ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.