އިންޑިޔާގެ އުއްތަރާކަންދްގައި ހަލިމަގެއް ހެދުމަށް ޓަނަލެއް ކޮނުމުގެ މަސައްކަތް ކުރަނިކޮށް ޓަނަލުގެ ފުރާޅު ވެއްޓި އެ ތަނުގެ ތެރޭގައި ތާށިވި 41 މީހުން ސަލާމަތް ކޮށްފިއެވެ. އެ މީހުން ސަލާމަތް ކޮށްފައި މި ވަނީ، ޓަނަލުގެ ތެރޭގައި ތާށިވިތާ 17 ދުވަސް ފަހުންނެވެ. އެ މީހުން ދިރިތިއްބާ ސަލާމަތް ކުރެވުމާ އެކު، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ.
4.5 ކިލޯމީޓަރުގެ ދިގު ޓަނަލުގައި އެ މީހުން ތާށިވެފައި ވަނީ ނޮވެންބަރު 12 ވަނަ ދުވަހު، ޓަނަލުގެ ފުރާޅުން ބަޔެއް ވެއްޓި، ޓަނަލުގެ ދޮރު ބަންދުވުމާ ގުޅިގެންނެވެ. އެ މީހުން ސަލާމަތް ކުރުމަށް މެދުކެނޑުމެއް ނެތި ކުރަމުން ދިޔަ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އޭގެ ތެރޭގައި، ޓަނަލް ކޮންނަން ގެނައި ބޮޑު ޑްރިލް ހަލާކުވުން ހިމެނެއެވެ. މި ހާދިސާ ހިނގާފައި ވަނީ 'ސިލްކްޔާރާ'ގެ ނަން ދީފައިވާ ޓަނަލް ކޮންނަމުންދާ ސަރަޙައްދުގައެވެ.
އެ މީހުން ސަލާމަތް ކުރެވުނީ، އެ މީހުން ތިބި ހިސާބާ ހަމައަށް ކޮނެފައިވާ ތިން ފޫޓު ފުޅާ ހޮރެއްގެ ތެރެއިންނެވެ. ޓަނަލުގެ ތެރޭގައި ތާށިވެފައި ވަނީ އެ ތަން ކޮނުމުގެ މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. އެއީ، އިންޑިޔާގެ އެންމެ ފަގީރު ސްޓޭޓްތަކަށް ނިސްބަތްވާ ބަޔެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޓަނަލުގެ ތެރޭގައި ތާށިވި އެންމެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އުއްތަރާކަންދްގެ ޗީފް މިނިސްޓަރ ޕުޝްކާރް ސިންހް ދާމީ ވަނީ އޭގެ ތެރެއިން ބައެއް މީހުންނާ ބައްދަލު ކުރައްވާފައެވެ. އެމްބިޔުލާންސްތަކާއި ހެލިކޮޕްޓަރުތަކުގައި އެ މީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އިންޑިޔާގެ މަގުމަތީގެ ދަތުރުފަތުރާ ބެހޭ ވަޒީރު ނިތިން ގަރްކަރީ ވަނީ މައިންގެ ތެރޭގައި ތާށިވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. "މައިނަރު"ންތައް ސަލާމަތް ކުރެވިފައި ވަނީ ހުރިހާ އިދާރާއަކުން ގުޅިގެން ކުރި މަސައްކަތުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މައިންގެ ތެރޭގައި ތާށިވެފައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި، އެ މީހުންނަށް އޮކްސިޖަނާއި، ފެނާއި، ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެމުން ދިޔަ ކަމުގައި، އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދިޔަ ޓީމުން ބުނެއެވެ.
މައިނަރުންތައް ތާށިވި ޓަނަލަކީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ބިނާ ކުރަމުންދާ ޗާރް ދާމް ހައިވޭއަށް ބޭނުންވާ ޓަނަލެކެވެ. އެ ހައިވޭ ބިނާ ކުރުމަށް އިންޑިޔާ ސަރުކާރުން 1.5 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރެއެވެ. ސިލްކްޔާރާ ޓަނަލުގެ ފުރާޅު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް، އެކަން ދެނެގަތުމަށް މިހާރު ވަނީ ތަހުޤީޤު ކުރަން ފަށާފައެވެ.