ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓުގައި ޒަޚަމްވި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ ނިޔާވެއްޖެ


  • އެކްސިޑެންޓު ހިނގީ ނިމުނު ހަފްތާ ހޯމަ ދުވަހުގެ ރޭ

  • އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް

  • މަރުވީ 59 އަހަރުގެ ފިރިހެނެއް

މިދިއަ ހަފްތާ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ނިޔާވެއްޖެއެވެ. ޢުމުރުން 59 އަހަރުގެ އެމީހާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. މި އެކްސިޑެންޓުގައި ދެމަފިރުންގެ ބޮލަށްވެސް ބޮޑެތި އަނިޔާތަކެއްވެފައިވެއެވެ.


ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރަކުން ތިން ސައިކަލުގައި ޖެހި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވެއެވެ. ދެމީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އެއީ ނިޔާވި މީހާގެ އިތުރުން އޭނާގެ އަންހެނުންނަށެވެ.

އެމީހުންނަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް އާއިލާއިން އެދިގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ. މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ.

އަދި މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން 30 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.