ޚަބަރު

މާލޭގެ ކުނި މެނޭޖް ކުރުން ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް


މާލޭގައި ދުވާލެއްގެ މައްޗަށް 1500 ބައިސްކަލާއި ހަތަރު ސަތޭކަ އަށްވުރެ ގިނަ ޕިކަޕް ލޮރީތަކުގައި މާލޭގައި ކުނިއުކަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއިން ހާމަކޮށްފިއެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާ ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ވެމްކޯއަކީ މުޅި ރާއްޖޭގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް 2009 ވަނަ އަހަރުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ.

ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ދެ ސަރވޭއެއް ކޮށްފައިވާކަމަށެވެ. އެގޮތުން ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތުގެ ސާރވޭ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ނިންމާފައިވާކަމަށެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ސާރވޭ ފެބުރުއަރީ މަހު ނިމިފައިވާކަމަށެވެ.

މި ސަރވޭތަކުގައި ގިނަ އަދަދެއްގެ މީހުން، ކުނި ރަނގަޅުގޮތުގައި މެނޭޖްކުރުމަށް ބޭނުންވާކަމަށް ބުނެފައިވާކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ކުނި އުކާލަން އެންމެ ފަސޭހަ ގަޑިއެއްކަމަށް ގިނަ މީހުން ސާރވޭގައި ބުނެފައިވަނީ ހަވީރު ތިނަކާއި ހަޔަކާ ދެމެދުކަމަށްވެސް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ވީހާވެސް ޚަރަދުކުޑަކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް މާލޭ ސަރަޙައްދުގައި ޤާއިމުކުރުންކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް އެކުންފުނިން ފަށާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ކުނި އުފުލުގެ މައްސަލަ ޙައްލުކުރުމަށް ތިމާވެއްޓާއި ރައްޓެހި ގޮތްތަކެއް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން ތިލަފުށީގައި މިކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކުނިނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. އަދި މި މަސައްކަތުގެ ދަށުން މާލޭގެ ހުޅަނގުދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖްގައި ވޭސްޓް ކަލެކްޝަން ސަރވިސް ސެންޓަރެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.