ކުޅިވަރު

އެފްއޭއެމުގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް ޖައުޝަން


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުޙައްމަދު ޖައުޝަން ޝަރީފް ހަމަޖައްސަވައިފިއެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ހުސެއިން ޖަވާޒް (ޖަވާ) ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާދެއްވާފައެެވެ. އެ މަގާމުން ޖަވާ އިސްތިއުފާ ދެއްވީ އެފްއޭއެމުގައި 24 އަަހަރާއި ތިން މަސް ދުވަސް ހޭދަކުރުމަށްފަހުއެވެ.

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުކަންވެސް ފުރުއްވަމުން އަންނަ ޖަވާ ވަނީ 2014 ވަނަ އަހަރުވެސް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ. އޭގެ ފަހުން އެފްއޭއެމުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ބައްސާމް އަދީލް ޖަލީލް އިންތިޚާބުވެވަޑައިގަތުމާ ހަމައިން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ފުރުއްވީ ޖަވާއެވެ. އަދި މީގެ ކުރިން ފުޓްބޯޅަ ކުޅުއްވި ޖަވާ ވަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޖަވާ އިސްތިއުފާދެއްވުމާއެކު އެފްއޭއެމުގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޖަވާގެ އިސްތިއުފާ ގަބޫލުކުރެއްވިކަން ހާމަކުރައްވާފައެވެ. އަދި ބައްސާމް ވިދާޅުވީ ފުޓްބޯޅައަށް ޖަވާ ކޮށްދެއްވީ އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވަނީ ހިންގާ ކޮމިޓީގެ ފުރިހަމަ އަގުލަބިއްޔަތާއެކު އައު ޖެނަރަލް ސެކްރެޓަރީއަކަށް ޖައުޝަން އައްޔަންކުރެއްވިކަން އިއުލާންކުރައްވާފައެވެ. އެފްއޭއެމުގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް މީހަކު އައްޔަން ކުރަންޖެހޭނީ އެ އެސޯސިއޭޝަނުގެ ރައީސަށް ފެންނަ ނަމެއް އެކްސްކޯއަށް ހުށަހަޅައި، އެ ނަމަކަށް އެކްސްކޯއިން ރުހުން ލިބިއްޖެނަމައެވެ.

ކުޅިވަރުގެ ގާނޫނީ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޖައުޝަން އަކީ އޭއެފްސީ ލީގަލް ކޮމިޓީގެ މެންބަރެއްވެސް މެއެވެ. ޖައުޝަން އަންނަވަނީ 2007 ވަނަ އަހަރުން ފެށިގެން އެފްއޭއެމުގައި މަސައްކަތްކުރައްވަމުންނެވެ. ކުޅިވަރު ޑިވެލޮޕްމަންޓް އޮފިސަރެއްގެ އިތުރުން އުމުރުފުރާތަކުން ފެށިގެން ސީނިއާ ގައުމީ ޓީމުތަކުގެ މީޑީއާ އޮފިޝަލެއްގެ ގޮތުންވެސް މަސައްކަތްކުރައްވާފައިވާ ޖައުޝަން ވަނީ 2016 ވަނަ އަހަރު އެފްއޭއެމުގެ ނޯމަލައިޒިން ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަންނަނީ އެފްއޭއެމުގެ ލީގަލް ޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރައްވަމުންނެވެ.