ޚަބަރު

އިސްރަށްވެހިންގެ ސަބަބުން ޤައުމަށް އައި ހެޔޮ ބަދަލު އަދުގެ ޖީލަށް އެނގުން މުހިންމު: އާދަމް ނަޞީރު


  • އިސްރަށްވެހިންގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތުގައި ހަނދާނީ ފިލާ ދެއްވި

  • ވަޒީރު ވަނީ އިސްރަށްވެހިންގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައި

  • އަދުގެ ޖީލަށް އިސްރަށްވެހިންގެ ފަރާތުން އެނގުން މުހިންމު ކަންކަން ފާހަގަކުރެއްވި

އިސްރަށްވެހިންގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި ޤައުމަށް ފޯރި ހެޔޮ އަސަރުތައް އަދުގެ ޖީލަށް އެނގުން މުހިންމުކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޅ.ކުރެންދޫގެ އިސްރަށްވެހިންގެ އަގުވަޒަންކޮށް އިނާމު ދިނުމަށް ކުރެންދޫ ކައުންސިލުން ބޭއްވެވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.


މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި އިސްރަށްވެހިންނަކީ ދިރިތިބި ކުތުބުޚާނާއެއްކަމަށާއި، އެބޭފުޅުންގެ ކިބައިގައިވާ ޢިލްމާއި ދުނިޔަވީ ދިރިއުޅުމުގެ ތަޖުރިބާތައް އަދުގެ ޖީލަށް ފޯރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރަހަތައް، ދިވެހި މަސައްކަތްތެރިކަން، ދިވެހިންގެ އުޅުންތެރިކަން، ހިލޭ ސާބަހަށް ރަށުގެ ތަރައްޤީއަށް މަސައްކަތްކުރި ރޫހު، އަދި ހިތު ލޯބިން ކޮންމެ މަގެއް ކުނިކަހައި މުޅި ރަށް ބެލެހެއްޓި ބެލެހެއްޓުމަކީވެސް އިސް ރަށްވެހިން ކުރައްވާ ވަރަށް މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާ އިސްރަށްވެހިންނަށް ވަޒީރު ތަޢުރީފްކުރެއްވިއެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި ޤައުމަށް ފޯރި ހެޔޮ އަސަރުތައް އަދުގެ ޖީލަށް އެނގުން މުހިންމުކަމަށާއި، އިސްރަށްވެހިންނަށް ގަދަރުކުރާ މުޖުތަމައެއް އުފެދޭނީވެސް އޭރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްރަށްވެހިންނަށް ގަދަރުކުރުން އަދި އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުންކަމަށްވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 53 އިސްރަށްވެއްސަކަށް ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.