ޚަބަރު

ޤައުމިއްޔަތާ ބެހޭ މާއްދާ ކިޔަވައިދިނުމަށް ޚާއްޞަ މުދައްރިސުން ތަމްރީން ކުރާނަން: ޗާންސެލަރ


  • ޤައުމިއްޔަތާ ބެހޭ މާއްދާގެ މުހިންމުކަން ފާހަގަކުރެއްވި

  • ގައުމިއްޔަތުގެ ވަރުގަދަ ލޯބި ކުދިންގެ ހިތްތަކުގައި އާލާވާނެ

  • އެ މާއްދާއަށް ޓީޗަރުން އުފެއްދުމުގެ ބޮޑު ޒިންމާ އުފުލާނީ ޔުނިވަރސިޓީން

ރާއްޖޭގެ ސްކޫލް ތައުލީމުގައި ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް އުފައްދާއިރު، މިކަމުގައި ޤައުމީ ޔުނިވަރސިޓީގެ ދައުރު ވަރަށް ބޮޑުވާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ. ޗާންސެލަރ މިހެން ވިދާޅުވީ، ޕީއެސްއެމުން ގެނެސްދޭ "ހަފްތާ14" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތަޢުލީމު މަންހަޖުގެ ތެރެއަށް ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއީ ތަޢުލީމީ ދާއިރާއާއި، ޢިލްމީ އެތައް ބަޔަކު ތާޢީދުކުރާކަމެއްވެސް މެއެވެ.

ޕީއެސްއެމް ހަފްތާ14 ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ، ޤައުމިއްޔަތާ ބެހޭ ޚާއްޞަ މާއްދާއެއް ތަޢާރްފްކުރެއްވުމަށް ވަރަށް ބޮޑަށް ތާޢީދުކުރައްވާކަމަށެވެ. ސާނަވީ މަންހަޖުގައި މިފަދަ މާއްދާއެއް ހިމަނައިގެން ކުރިއަށްގެންދިއުމަކީ ޤައުމިއްޔަތައް އޮންނަ ލޯބި އިތުރު ވެގެންދާނެކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސާނަވީ ތައުލީމު ނިންމައި ނިކުންނަ ދަރިވަރުންނަށް ރާއްޖޭގެ ޤާނޫނު އަސާސީއާއި، ރާއްޖޭގެ ތާރީޚާއި، ޖިއޮގްރަފީ އަދި އެ ކުދިންގެ ހިތްތަކުގައި ވަރަށް ވަރުގަދަ ޤައުމީ ލޯތްބެއް އުފެދިފައި އޮންނަންވާނެކަމަށް ޝައުގީ ވިދާޅުވިއެވެ.

ޤައުމިއްޔަތައް ވަކި މާއްދާއެއް ތައާރަފްކުރަން މަސައްކަތްކުރާއިރު މިކަމުގައި ޤައުމީ ޔުނިވަރސިޓީގެ ދައުރުވެސް ވަރަށް ބޮޑުވާނެކަން ފާހަގަކުރައްވަމުން ޑރ. މަޙްމޫދު ޝަޢުޤީ ވިދާޅުވީ، އެ މާއްދާ ކިޔަވައިދިނުމަށް ޚާއްޞަ މުދައްރިސުން ޤައުމީ ޔުނިވާސިޓީން ތަމްރީން ކުރައްވާނެކަމަށެވެ.

"ޤައުމިއްޔަތު މި މާއްދާ އެކުލަވާލުމަކުން ނުފުދޭ ދެއްތޯ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި އަޅުގަނޑުމެންގެ ސާނަވީ ތައުލީމުގެ ތެރޭގައި އިޖްތިމާއީ، ތައުލީމީ އިލްމް، ޖޯގްރަފީ، ހިސްޓްރީ އޮތްކަމުގައި ވީނަމަވެސް އެކަން އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވި މިއޮތީ ޓީޗަރުން ތަމްރީން ކުރެވިފައި ނެތީމަކަމަށް ބުނަނީ. އެހެންވީމަ ޤައުމީ ޔުނިވަރސިޓީގެ ދައުރު ވަރަށް ބޮޑުވާނެ. ޤައުމިއްޔަތު މާއްދާއަށް ޓީޗަރުން ތަމްރީން ކުރުމަކީ، އެއީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑަށް ޔަޤީން އެ މަސައްކަތުގެ ވަރަށް ބޮޑުބައެއް ޝައްކެއްނެތް ހަވާލުވާނީވެސް ޤައުމީ ޔުނިވަރސިޓީއާއި." ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ހުރިހައި ދާއިރާއެއްގައިވެސް ޤައުމީ ޔުނިވަރސިޓީގެ ދައުރު އަބަދުވެސް ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ދިރާސާތައް ކުރުމަށް ވަކި ހާއްސަ ފަންޑެއް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް އިއުލާންކުރައްވާފައިވުމާއި ގުޅިގެން ޝައުގީ ވިދާޅުވީ ކުރިއަށްއޮތް 5 އަހަރު ރާއްޖޭގައި ކުރެވޭ ދިރާސާތައް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. މި ދިރާސާތަކުގެ ބޭނުން ޤައުމުގެ ތަރައްޤީގައި ބޭނުން ހިފިގެންދާނެކަމަށް ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝަޢުޤީ ވިދާޅުވިއެވެ.