ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 21-25 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭއާއެކު ބައިވެރިވި ޤައުމުތަކަކީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި ތައިލޭންޑެވެ. މިމުބާރާތުގައި ޖުމްލަ 48 ކުޅުންތެރިން ބައިވެރިވެފައިވާއިރު ރާއްޖެއިން ބޭރުގެ 22 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ޤައުމީ ޓެނިސް ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކިޔާރާ އުސާމާ އަލީ އާއި ނަޔާރާ އުސާމާ އަލީ ގެ އިތުރުން މީކާ މުހައްމަދު ކަލީމް ވަނީ ބަންގްލަދޭޝް އާއި ތައިލޭންޑް ކުޅުންތެރިންނާއި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.
މީގެ އިތުރުން އެކި އުމުރުފުރާތަކުގައި ވާދަކޮށް ރާއްޖެއިން ވަނީ ގިނަ މެޗުތަކުން މޮޅުވެފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ޓެނިސް ފުޅާކޮށް ޓެނިސް ކުޅޭ މޮޅު ޖީލެއް ބިނާކުރުން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ދުވަހެއް ދުވަހަކަށް ޓެނިސް މިހާރު އަންނަނީ ރާއްޖޭގައި ފުޅާވަމުންނެވެ. ޓެނިސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ޅ. ނައިފަރުގައިވެސް ޓެނިސް ކުޅުމަށްޓަކައި ޒަމާނީފެންވަރުގެ ކޯޓެއް ވަނީ އަޅާފައެވެ. އަދި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ކޮންމެ އަހަރުވެސް ބޭއްވުމަށް ވަނީ އަމާޒު ހިފާފައެވެ.
މިދިޔަ އަހަރުވެސް ޓެނިސް އެސޯސިއޭޝަނުން ވަނީ ބައިނަލްއަޤްވާމީ މުބާރާތެއް ބާއްވާފައެވެ. މިއީ ޓެނިސް ކޯޓު ހަތަރު ކޯޓަށް ބަދަލުކުރި ފަހުން ބޭއްވި ފުރަތަމަ މުބާރާތެވެ. ޓެނިސް އެސޯސިއޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ތަރައްގީކުރާ ޓެނިސް ކޯޓާއެކު ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމެވެ.