ކުޅިވަރު

ދެވަނަ ދައުރަކަށް ތޮލާލް އިންތިޚާބުކޮށްފި


އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް ދެވަނަ ދައުރަކަށް މުޙައްމަދު ތޮލާލް މިއަދު އިންތިޚާބުކޮށްފިއެވެ. 

މިއަދު އޮތް އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު ތޮލާލް ކާމިޔާބުކުރެއްވީ އެ މަގާމަށް ތޮލާލާއި ވާދަކުރެއްވި ދެ ކެންޑިޑޭޓުން އިންތިޚާބުގެކުރިން ނަން އަނބުރާ ގެންދިޔުމުންނެވެ. އިންތިޚާބުގައި ރައީސްގެ މަގާމަށް ދެން ކުރިމަތިލެއްވި މުހައްމަދު ހާނިމާއި އަހުމަދު ފާއިލެވެ. ތޮލާލް އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުގައި ބައިވެރިވި ތޭރަ ކްލަބްގެ އިއްތިފާޤުންނެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މުޙައްމަދު ތޮލާލް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެތުލެޓިކްސް އަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީ ހޯދައިދިނުމަށްކަމަށެވެ. ސައުތް އޭޝިއާ ސަރަހައްދުން މެޑަލްތަކެއް މިހާރު ލިބިއްޖެކަމަށާއި، މިހާރު އަމާޒު ހިފާފައިވަނީ އޭޝިއާ ފެންވަރުގެ މެޑަލްތަކެއް އެތްލެޓިކްސްއިން ހޯދުމަށްކަމަށް ތޮލާލް ވިދާޅުވިއެވެ.

"މި ސަރަހައްދުން މެޑަލްތައް ލިބިއްޖެ، މިހާރުގެ އަމާޒަކީ އޭޝިޔާ ސަރަހައްދުން މެޑަލެއް ހޯދުން، އެގޮތުން 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަދި އޭޝިއަން ގޭމްސް އިން މެޑަލް ހޯދުމަކީ ވަރަށް ބޮޑު އަމާޒެއް" ތޮލާލް ވިދާޅުވިއެވެ.

 ކުރިއަށް އޮތް ދައުރަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ނައިބް ރައީސަކަށް ހޮވުނީ އަށް ވޯޓާއިއެކު އަހުމަދު އަޒީލެވެ. މި މަގާމަށް އަޒީލާއި ވާދަކުރި މިހާރުގެ ނައިބް ރައީސް މުޙައްމަދު މާދިހަށް ލިބުނީ ފަސް ވޯޓެވެ. 

އަހުމަދު ރައުޝަންއާއި ވާދަކޮށް އެސޯސިއޭޝަންގެ ހަޒާންދާރަކަށް ހޮވުނީ މުޙައްމަދު ޝިހާނެވެ. ޝިހާނަށް އިންތިޚާބުގައި ނުވަ ވޯޓް ލިބުނުއިރު، ރައުޝަންއަށް ލިބުނީ އަށް ވޯޓެވެ. 

އެކްސްކޯގެ އިތުރު ތިން މެމްބަރުންގެ މަގާމަށް ހޮވުނީ  މުހައްމަދު ސުޖާއުއާއި މުހައްމަދު ޝާހިދުގެ އިތުރުން އިބްރާހިމް އުމަރެވެ. އެކްސްކޯގެ އަންހެން މެމްބަރުގެ މަގާމަށް ހޮވުނީ ޔާސްމީން އަބްދުﷲއެވެ.