ޚަބަރު

އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ނާއިފްއަށް


  • އެކި ދާއިރާއިން 11 ނޫސްވެރިއަކަށް އެވޯޑް ދިން

  • ހިތްވަރު ދިނުމުގެ ގޮތުން ސާއިދު އަޙްމަދަށް ހަނދާނީ ފިލާއެއް އެރުވި

  • އަންނަ އަހަރު މި އެވޯޑަށް 3 ދާއިރާ އިތުރުކުރަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ "ނޫސްވެރިކަމުގެ އެވޯޑް 2022"ގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ދައުރު ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަޙްމަދު ނާއިފް ހާސިލްކޮށްފިއެވެ.

ނާއިފްއަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރއްިޔާގެ ނައިބް އަލްތުސްތާޛް ހުސައިން މުޙައްމަދު ލަޠީފްއެވެ.

އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ، އެންމެ ދިގުމުއްދަތަކަށް މީޑިއާގެ ދާއިރާއިން ރާއްޖޭގައި ދެމުން އައިސްފައިވާ އެވޯޑެވެ. އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދެމުން އަންނަތާ 10 ވަނަ އަހަރެވެ.

މިއަހަރުވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އެވޯޑަށް ހުޅުވާލިއެވެ. އެގޮތުން މި ދާއިރާތަކަށް ޖުމްލަ 63 ހުށައެޅުމެއް ލިބިފައިވާކަމަށް އެމްއެމްސީން ބުނެއެވެ. އެހެންނަމަވެސް ބްރޯޑްކާސްޓިންގެ ދާއިރާއިން އިނާމަށް ހުށައެޅި ހުށައެޅުންތަކަށް އެކަށީގެންވާ މާކްސް ނުލިބުމުން އެ ދާއިރާއިން އެއްވެސް ފަރާތަކަށް އެވޯޑެއް ނުލިބެއެެވެ. އަދި ގްރެފިކްސްއާ އިލެސްޓްރޭޝަންސް ދާއިރާ އެއްވެސް ފަރާތެއް ހުށައަޅާފައެއް ނުވެއެވެ.

އެވޯޑް ލިބުނު ފަރާތްތަކާއި ދާއިރާތައް

ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާޢީ ދާއިރާ : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ސިޔާސީ ދާއިރާ: ނާޒިމް ޙަސަން (އަދަދު ނޫސް)
ޝަރުޢީ އަދި ޤާނޫނީ ދާއިރާ: މުޢިއްޒު އިބްރާޙިމް (މިހާރު ނޫސް)
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ: އަޙްމަދު ނާއިފް (އަދަދު ނޫސް)
ކުޅިވަރު ދާއިރާ: ހުސައިން ޙަބީބް (މިހާރު ނޫސް)
ފީޗަރ ލިޔުން : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ވީޑިއޯ ޖަރނަލިޒަމް: ޙައްވާ އަމާނީ އަބްދުﷲ (މިހާރު ނޫސް)
ފޮޓޯ ޖަރނަލިޒަމް: ފަޔާޒް މޫސާ (މިހާރު ނޫސް)
ތަޙްޤީގީ ނޫސްވެރިކަމުގެ ދާއިރާ: އަހްމަދު މިޒްޔާލް (ދައުރު ނޫސް)
އުންމީދީ ނޫސްވެރިޔާ: މުހަައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން)
އެންމެ މޮޅު ނޫސްވެރިޔާ: އަޙްމަދު ނާއިފް (ދައުރު ނޫސް)

އެންމެ މޮޅު ނޫސްވެރިޔާ ހޮވާފައިވަނީ، އާއްމުންގެ ވޯޓު ހިމެނޭގޮތަށެވެ. އެގޮތުން އެސްއެމްއެސްއަށް ހުޅުވާލި ފުރުޞަތުގައި 35000 އަށްވުރެ ގިނަ އެސްއެމްއެސް ލިބުނު ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އިންޓަވިއުއާއި ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ޖަޖުންގެ ޕެނަލްއިން މާކްސް ދީފައިވެއެވެ. މިއެވޯޑަށް 3 ނޫސްވެރިއަކު ނޮމިނޭޓްވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ކުޅިވަރުގެ ޚަބަރުތައް ގެނެސްދެމުން އަންނަ ސާއިދު އަޙްމަދަށް ހިތްވަރު ދިނުމުގެ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ހަޔާތީ އަރުތައިގެ އެވޯޑް ނޫސްވެރިކަމުގެ ދާއިރާގައ ތަޖުރިބާކާރު ދެ ބޭފުޅުންކަމަށްވާ ޢަބްދުﷲ ރަމީޒްއަށާއި އަޙްމަދު ޒާހިރު (ހިރިގާ)އަށް ވަނީ ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ ނޫސްވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ ނޫސްވެރިންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމާއި މީޑިއާގެ ކުރިއެރުވުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ސަރުކާރެއްކަންވެސް ނައިބްރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހި މީޑިއާތަކަށް ރަންޒަމާނެއް ގެނެސްދެއްވާނެކަމަށެވެ.

" ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމާއި އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދިނުމާއި އޮފީސް ޚަރަދު ކުޑަކޮށް މީޑިއާ ވިލެޖެއް ޤާއިމްކޮށްދެއްވުން. ސަރުކާރުގެ ޚަރަދުގައި އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީންކުރާނެ. ދިވެހި މީޑިއާތަކަށް ރަންޒަމާނެއް ރައީސް ޑރ. މުހައްމަދު މުއިިއްޒު ގެނެސްދެއްވާނެ." ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް އަޙްމަދު މުސްޠަފާ ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ އެވޯޑަށް ދާއިރާތަކެއް އިތުރުކުރައްވާނެކަމަށެވެ. އެގޮތުން ސްޓޫޑެންޓް ޖަރނަލިޒަމް އެވޯޑްއާއި ކޮމިއުނިޓީ ނޫސް އަދި ޚާއްސަ ކަވަރޭޖް އެވޯޑް ހިމެނުމަށް ނިންމާފައިވާކަމަށް މުސްޠަފާ ވިދާޅުވިއެވެ.

" މި ދައުރު ހަމަވުމުގެ ކުރިން މީޑިއާތަކަށް ބޭނުން އިރެއްގައި ޑްރޯން އެރުވުމުގެ ހުއްދަ ލިބޭނެ ގޮތަށް ޑްރޯން ޕައިލެޓްތަކެއް ކަނޑައަޅާ އެކަމާ ގުޅޭ އައު އުޞޫލްތަކެއް ހެދުމުގެ މަސައްކަތާއި ޤާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނަށް އެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ހިމެނޭ."އެމްއެމްސީގެ ރައީސް އަޙްމަދު މުސްޠަފާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ ތެރެއިން ދުނިޔެ ދޫކޮށްފައިވާ ނޫސްވެރިންގެ ހަނދާން އައު ކުރުމުގެ ގޮތުން ސުކޫތެއް ގެނެސްފައެވެ. އަދި އެމްއެމްސީގެ އައު ލޯގޯވެސް މިރޭ ވަނީ އިފްތިތާޙްކޮށްފައެވެ. މި ލޯގޯ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުޞްތާޛް ހުސައިން މުޙައްމަދު ލަޠީފްއެވެ.