ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ފެށުމާ އެކު، އެހީގެ ސާމާނު ބަރުކޮށްފައިވާ 137 އުޅަނދު ޣައްޒާއަށް ވަދެއްޖެއެވެ. ޣައްޒާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި މި ވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޒަޔަނިސްޓު އިސްރާޢީލާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ޔަހޫދީންގެ އުދުވާން މެދުކަނޑައިލާ، ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމާ ގުޅޭ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވަނަ ދުވަހުއެވެ. އ.ދއިން ބުނީ، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފުރަތަމަ ދުވަހު އެހީގެ ސާމާނު ބަރުކޮށްފައިވާ 137 އުޅަނދު ޣައްޒާއަށް އެތެރެ ކޮށްފައިވާ ކަމުގައެވެ. އެ އުޅަނދުތަކުގައި ހުރީ ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސް ފަރުވާއަށް ބޭނުންވާ ސާމާނެއެވެ.
ފުރަމަތަ ދުވަހު 129,000 ލީޓަރުގެ ތެޔޮ ވެސް ޣައްޒާއަށް އެތެރެ ކޮށްފައިވެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ހުރަސް އެޅުމާ ގުޅިގެން ޣައްޒާގެ މުސްލިމުންގެ ހާލަތު ވަނީ ވަރަށް ދެރަވެފައެވެ. ކާބޯތަކެއްޗާއި ފެން ހުސްވެފައިވާއިރު، ތެޔޮ ހުސްވުމާ ގުޅިގެން ހޮސްޕިޓަލް ފަދަ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.
އ.ދއިން ބުނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކޮށް، އެތަކެއް ސަތޭކަ ހާސް ބަޔަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާ ބޭނުންވެފައިވާ 21 ބަލި މީހުން ރަފަޙް މަގުން މިޞްރަށް ގެންގޮސް، އިތުރު ފަރުވާ ދޭން ފަށާފައިވާ ކަމުގައި ވެސް އ.ދއިން ބުންޏެވެ.
ޔަހޫދީންގެ އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި މި ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުން ބުނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމާ އެކު ޣައްޒާގައި ގަތުލުއާންމު ހިންގަން އަލުން ފަށާނެ ކަމުގައެވެ. އަދި، އެ ކަމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,800 އަށް އަރައެވެ. އޭގެ ތެރޭގައި 6,150 ކުޑަކުދިންނާއި 4,000 އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 36,000 އަށް އަރައެވެ.