ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީީ އިޙްސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދުއާ ހަވާލުކުރެއްވީ ކުރިން އެ މަގާމު އަދާކުރެއްވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ފުލުހުންގެ ހިދުމަތުން ރިޓަޔަރކުރެއްވުމުންނެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުވެސް ވަނީ މިއަދު ރިޓަޔާ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖެއްސެވީ ޕޮލިސް ބޯޑުގެ ލަފާގެ މަތިންކަމަށެވެ.
ވަޒީރު ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްއާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ގައުމަށާއި ފުލުހުންނަށް ދިގުމުއްދަތަކަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާ، ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.
ފުލުހުންގެ ހިދުމަތުގެ ގާނުނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަގާމަށް އައްޔަންކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއްކަމަށް ގާނޫނުގައި ބަޔާންކުރެއެވެ.