ދުނިޔެ

މިޔަންމާގެ ފުރަތަމަ މަދަނީ ރައީސް މަޤާމުގެ ހުވާކުރައްވައިފި


މިޔަންމާގައި ވޭތުވެދިޔަ ފަންސާހަކަށް އަހަރުތެރޭ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ މަދަނީ ރައީސް މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ނެޝަނަލް ލީގްފޯ ޑިމޮކްރަސީގެ އިސް މެމްބަރެއް ކަމަށްވާ ތިންނު ޗޯ މަގާމާ ހަވާލުވެވަޑައިގެންނެވީ، އަސްކަރީ ވެރިކަމެއް ކުރައްވަމުން ގެންދެވި ތަން ސެއިންގެ ވެރިކަން ނިމުނު ހަމައިންނެވެ. ނެޝަނަލް ލީގްފޯ ޑިމޮކްރަސީގެ ލީޑަރ އަންގ ސަންގ ސޫޗީއަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ނެތްނަމަވެސް، ގައުމު ހިންގުމުގެ ކަންކަމުގައި އެކަމަނާގެ ފުޅާ ދައުރެއް އޮންނާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އަންގ ސަންގ ސޫޗީ ވަނީ ހަތަރު ވުޒާރާއެއް ހިންގެވުމާ ހަވާލުވެވަޑައިގެންފައެވެ.އެން.އެލް.ޑީ ވެރިކަމަށް އައިސްފައިވަނީ، މިދިޔަ ނޮވެމްބަރުމަހު ބޭއްވި އިންތިޚާބު ބޮޑު އަގްލަބިއްޔަތަކުން ކާމިޔާބުކޮށްގެނެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ޖޮއިންޓް ބައްދަލުވުމެއްގައި ރައީސް ކަމުގެ މަގާމްގެ ހުވާ ކުރެއްވުމަށްފަހު، ތިންނު ޗޯ ވިދާޅުވީ ވެރިކަންކުރެއްވުމުގައި މިޔަންމާގެ ރައްޔިތުންނަށް ވަފާތެރިކަމާއެކު ދެމިހުންނަވާނެ ކަމުގައެވެ.