ޚަބަރު

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް ހައްދަވަނީ


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޕާޓީން ވަކިވެވަޑައިގެން، އައު ޕާޓީއެއް ހައްދަވަން ނިންމަވައިފިއެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް ހައްދަވަން ނިންމަވާފައިވާކަން މިރޭ ހާމަކުރެއްވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުޙައްމަދު ޖަމީލް އަހްމަދުއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޖަމީލް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ރައީސް ޔާމީން، ރައީސް ޞާލިހްގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި ކަމަށެވެ. އެހެންނަމަވެސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތުވެފައިވާކަމަށެވެ.

މިސަބަބަށްޓަކައި ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވާފައިވާކަމަށާއި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޤާނޫނީ ވަކީލު މުޙައްމަދު ޖަމީލު އަޙުމަދު މިކަން ހާމަކުރައްވާފައިވީ ނަމަވެސް ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން ރައީސް ޔާމީން ހާމަކުރައްވާފައެއް ނުވެއެވެ.