ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް މެމްބަރުން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި އަލްއުސްތާޛު މުޙައްމަދު ސަމީރު ޢައްޔަންކުރައްވައިފިއެވެ.

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަޙްމަދު އުޝާމް، ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.

އަލްއުސްތާޛު އަޙްމަދު އުޝާމް، ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ކަމުގެ މަގާމާއި، ނަޝީދް އެންޑް ކޯ ގެ ސީނިއަރ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ. ގެ މެނޭޖިންގ ޕާޓްނަރުކަން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހަވާލުކޮށްދެއްވާފައެވެ.