ޚަބަރު

އެމްޑީޕީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް ޞާލިޙް


ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. އެމަނިކުފާނު އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ހަމަޖެއްސެވީ އއ. އުކުޅަހުގައި ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް ޞާލިޙް އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ހަމަޖެއްސެވީ ވަގުތީ ގޮތުންނެވެ. އެމްޑީޕީގެ ވަގުތީ ރައީސަކަށް ރައީސް ޞާލިޙް އައްޔަންކުރަން ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ހުސްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީން އިސްތިއުފާދެއްވުމުންނެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ކުރީ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން އެޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސަވަންވެސް ފާސްކޮށްފައެވެ. މީގެ އިތުރުންވެސް ޤައުމީ މަޖިލީހުން ނިންމި ބައެއް އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭގައި އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ތިބޭކަމާއި، އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން ރާވަމުންދިޔަކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކައާއި، ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުން ހިމެނެއެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމިޓީއެއް އެކުލަވާލުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމާއި، އެމްޑީޕީއަށް މެންބަރުން އިތުރުކުރުމާއި، އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮތުމަށްވެސް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކުރިއެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ދެވަނަ ބައްދަލުވުމެވެ. ރޭ ބޭއްވި ޤައުމީ މަޖިލީހުގެ މި ބައްދަލުވުމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.