ޚަބަރު

ބޯހިޔާވަހިކަމަށް ވަށާޖެހޭ ޙައްލެއް ގެނެސްދޭނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި: މުއާޒް


  • "ހަފްތާ 14" މަގުޗާޓުގައި ހުރި ކަންކަން މިހާރުވެސް ދަނީ ތަންފީޒުވަމުން

  • ބޯހިޔާވަހިކަމަށް ރާއްޖޭގައި ބިޔަ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ

  • އުމްރާނީ ތަރައްޤީން ރާއްޖެއަށް އިންޤިލާބީ ދެމެހެއްޓެނެވި ބޮޑެތި ބަދަލުތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޯހިޔާވަހިކަމަށް އޮތް މައްސަލައަށް ވަށާޖެހޭ ޙައްލެއް ގެނެސްދެއްވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ 14" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފްތާގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތަކާގުޅޭ ގޮތުން ހަފްތާ 14 ޕްރޮގްރާމްގައި ވާހަކަދައްކަމުން މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާނީ މި 5 އަހަރުގައި ކަމަށެވެ. އެކަމަށް ރިޔާއަތްކުރައްވާ މުއާޒް ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެއަށް ގެނައި ތަރައްޤީގެ ފަހުން ނިމިދިޔަ ސަރުކާރުން ރާއްޖެއަށް އެއްވެސް ތަރައްޤީއެއް ގެނެވިފައި ނުވާކަމަށެވެ.

މި ސަރުކާރުން މިހާރުން ފެށިގެން މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާ، މެނިފެސްޓޯގައި ހުރި ވައުދުތައް އެމަނިކުފާނު ފުއްދަވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށް މުއާޒު ވިދާޅުވިއެވެ.

"އުމްރާނީ ތަރައްޤީގެ ރޮނގުން ރާއްޖެއަށް އިންޤިލާބީ ދެމެހެއްޓެނެވި ބޮޑެތި ބަދަލުތަކެއް ގެންނާނެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުވެގެންދާނެ.. އެއީ ރައީސް ޑރ. މުޢިއްޒަކީ ޢުމްރާނީ ތަރައްޤީގެ ރޮނގުން ރާއްޖެއަށް މިހާތަނަށް ގެނައި އެންމެ ބޮޑެތި ބަދަލުތަކުގެ މޭސްތިރިޔާ." މުއާޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ބޯހިޔާވަހިކަމުގެ ސިޔާސަތައް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި ހުރިހާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް އެމަނިކުފާނު ފައްޓަވާފައިވާކަމަށެވެ. ކުރީގެ ސަރުކާރުން ގޯތިދިންގޮތަށް މިސާލު ޖައްސަވަމުން މުއާޒް ވިދާޅުވީ، ޑރ. މުޢިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ގޯތި ދޭނީ ބިންހިއްކާ ޕްލޭން ހެދުމަށްފަހުގައި ކަމަށާއި، އަދި ފްލެޓް ދޭނީ މަސައްކަތްތައް އެއްކޮށް ނިންމާފައިކަމަށެވެ.

މުއާޒް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައި ހުރި ކަންކަން ޔަޤީނުންވެސް ކުރައްވާނެކަމަށެވެ. އަދި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަމެއް އޮޅުވާލުމަށް މަސައްކަތްތަކެއް ނުކުރައްވާނެކަމަށާއި، އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވިގޮތަށް ކަންކަން ކުރައްވަމުން ގެންދަވާނެކަމަށެވެ.