ޚަބަރު

ތިން ސައިކަލުގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، 2މީހުން ސީރިއަސް


  • އެކްސިޑެންޓު ހިނގީ ސެންޓްރަލް ޕާކް ކައިރީގައި

  • ދެ ފިރިހެނަކާ ދެ އަންހެނުންނަށް އަނިޔާވި

  • 2 މީހުންގެ ހާލު ސީރިއަސް

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ތިން ސައިކަލުގައި ކާރަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުނުވެ 3 ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގާފައިވާކަމުގެ މަޢުލޫމާތު ލިބުނީ 19:42 ހާއިރުކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 2 ސައިލަކުގައި ތިބި 4 މީހުންނަކަމަށާއި، އެއީ 2 ފިރިހެނުންނާއި 2 އަންހެނުންކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށާއި، އެތަނުން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ ޒަޚަމާގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަނުކުރައްވައެވެ.

މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލުތަކަށްވެސް ގެއްލުންވެފައިވެއެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަހްގީޤކުރަމުންނެވެ.