ޚަބަރު

ޣައްޒާގައި ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު 43އަށް


ޣައްޒާއަށް ޔަހޫދީން ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ފަލަސްޠީނުގެ ނޫސްވެރިންނާ ބެހޭ ޖަމުޢިއްޔާއެއްގެ އިސް އޮފިޝަލަކާއި އިތުރު ދެ ރިޕޯޓަކުން ޝަހީދު ކޮށްލައިފިއެވެ. މިއާ އެކު، އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު ވަނީ 44 އަށް އަރާފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ 43 ނޫސްވެރިންނާއި ލުބުނާނުގެ ނޫސްވެރިއެއް ހިމެނެއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ގާއިމު ކޮށްފައިވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީ.ޕީ.ޖޭ)ން ބުނީ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަށާފައިވާ އުދުވާނުގައި މަރުވެފައިވާ ނޫސްވެރިންގެ ޢަދަދު 48 އަށް އަރާ ކަމުގައެވެ. އެ ޖަމާޢަތުން ބުނީ އެއީ މަރުވެފައިވާ ނޫސްވެރިންގެ ޖުމުލަ ޢަދަދު ކަމަށާއި، އޭގެ ތެރޭގައި ޒަޔަނިސްޓު އިސްރާޢީލުގެ ހަތަރު ނޫސްވެރިން ވެސް ހިމެނޭ ކަމުގައެވެ.

"ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އުދުވާނުގެ މަޢުލޫމާތު ދުނިޔެއަށް ހާމަކޮށްދިނުމަށް ނޫސްވެރިން އެ ދަނީ އެތަކެއް ގުރުބާނީއެއް ވަމުން. ޚާއްޞަކޮށް ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ މި ވަނީ ގެއްލިފައި. [ޔަހޫދީންގެ ލާއިންސާނީ ޖަރީމާގެ] މަޢުލޫމާތު ދުނިޔެއަށް ހާމަކޮށްދޭން އެ މީހުން އެ ދަނީ ވަރަށް ބޮޑު އަގެއް ދައްކަމުން،" ސީ.ޕީ.ޖޭން މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޕުރޮގުރާމު ކޯޑިނޭޓަރ ޝަރީފް މަންޞޫރު ވިދާޅުވިއެވެ.

ޔަހޫދީން އެންމެ ފަހުން ދިން ހަމަލަތަކުގައި ޝަހީދު ކޮށްލާފައި ވަނީ ޕްރެސް ހައުސް-ޕަލަސްޓައިންގެ ބޯޑުގެ މެންބަރެއް ކަމުގައިވާ ބިލާލް ޖާދުاللهއެވެ. އޭނާ ޝަހީދު ކޮށްލަން ޔަހޫދީން ދިން ހަމަލާގައި، އޭނާގެ އަންހެން ކޮއްކޮގެ ފިރިމީހާ ޒަޚަމު ކޮށްލާފައިވާ ކަމުގައި އޭނާގެ ޢާއިލާއިން ބުނެއެވެ. ޕްރެސް ހައުސް-ޕްލެސްޓައިނަކީ ފަލަސްޠީނުގައި ނޫސްވެރިކަން ކުރިއަރުވައި ހަރުދަނާ ކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާއެކެވެ.

ޖާދުالله ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީންގެ އަސްކަރީ ޓޭންކަކުން ދިން ހަމަލައެއްގައެވެ. އޭނާއަށް ހަމަލަ ދީފައި ވަނީ ޣައްޒާ ސިޓީގެ ޒައިތޫން ޑިސްޓްރިކްޓުގައެވެ. މީގެ އިތުރުން އަލް-ބުރައިޖު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ރަޙުމު ކުޑަ ހަމަލަތަކެއްގައި ފްރީލާންސް ދެ ނޫސްވެރިން ވަނީ ޝަހީދު ކޮށްލާފައެވެ. އެއީ، ޙަސޫނާ ސަލީމާއި ސާރީ މަންޞޫރެވެ. އެ މީހުން ޝަހީދު ކޮށްލަން ދިން ހަމަލާގައި އިތުރު 17 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,000 އަށް އަރައެވެ. އޭގެ ތެރޭގައި 5,500 އެއްހާ ކުޑަކުދިންނާއި، 3,300 އަށްވުރެ ގިނަ ޢަދަދަކަށް އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,000 އަށް އަރާފައެވެ.