ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް


އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި މުބާރާތް ބޭއްވި ގައުމު ކަމަށްވާ އިންޑިއާ ބަލިކޮށް، އޮސްޓްރޭލިއާއިން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

އެހެމްދަބާދުގައި ހުންނަ ނަރެންދުރަ މޯދީ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު ފައިނަލް މެޗުން އޮސްޓްރޭލިއާ މޮޅުވީ ހަ ވިކެޓުންނެވެ. ފައިނަލް މެޗުން އިންޑިއާ ބަލިވިއިރު, މި ފަހަރުގެ މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރުކޮށްފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.

132000 ސަޕޯޓަރުންގެ ކުރިމަތީގައި އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގައި ހެދުނީ 240 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 107 ބޯޅައިން 66 ލަނޑު ހެދި ކޭއެލް ރާހުލް އާއި 63 ބޯޅައިން 54 ލަނޑު އެއްކުރި ވިރާޓް ކޯލީއެވެ.

މި އިނިންގްސްގައި އޮސްޓްރޭލިއާގެ މިޗެލް ސްޓާކް ވަނީ 10 އޯވަރުގައި 55 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ޕެޓް ކަމިންސް އާއި ޖޯޝް ހޭޒަލްވުޑް ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި އެ ޓީމުން ވަނީ 43 ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 120 ބޯޅައިން 137 ލަނޑު ހެދި ޓްރޭވިސް ހެޑްއެވެ.

މި މޮޅާއެކު އޮސްޓްރޭލިއާއިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެގޮތުން އޮސްޓްރޭލިއާއިން ވަނީ މި އަހަރުގެ މުބާރާތުގެ އިތުރުން 1987، 1999، 2003، 2007 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.