ޚަބަރު

މަޤާމުން ވަކިކުރިތާ އަހަރެއްފަހުން ޢަރަބިއްޔާގެ ޕްރިންސިޕަލަކަށް ޝުޖާއު އަލުން ހަމަޖައްސައިފި


  • ޝުޖާއު ޕްރިންސިޕަލް ކަމުން ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި

  • ޓްރައިބިއުނަލްއިން ވަނީ، އެކަން ކޮށްފައިވަނީ ޤާނުނާއި ޚިލާފައިކަމަށް ނިންމާފައި

  • ޝުޖާއި ޢަރަބިއްޔާއާއި ހަވާލުވީ 2018 ވަނަ އަހަރު

ޢަރަބިއްޔާ ސްކޫލްގެ ޕްރޮންސިޕަލްގެ މަޤާމުން ވަކިކުރި، މުޙައްމަދު ޝުޖާއު ޢަބްދުއްރަޙީމް އަލުން އެ މަޤާމަށް ހަމަޖައްސަވައިފިއެވެ.

2018 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމު ފުރުއްވަމުން ގެންދެވި ޝުޖާއު، އެ މަޤާމުން ވަކިކުރައްވާ ބަދަލުކުރެއްވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަށެވެ.

އޭނާ މަޤާމުން ވަކިކުރުމާއި ގުޅިގެން، ސްކޫލްގެ ބެލެނިވެރިން ވަރަށް ބޮޑަށް ކަންޑުވުން ފާޅުކޮށް، އެ މަޤާމަށް ޝުޖާއު އަލުން ހަމަޖައްސަވައިދެއްވުމަށް އެދި އެކި ފަހަރުމަތިން އެޑިޔުކޭޝަން މިނިސްޓްރީއަށް ދަންނަވާފައިވެއެވެ. އޭރު ޝުޖާއު މަޤާމުން ވަކިކުރީ، ޢަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވުމަށް އެކަށޭނަ މާޙައުލެއް ސަރުކާރުން ހަމަޖައްސައިނުދީ، އެކި އަހަރު އެކި ޢިމާރާތްތަކަށް ބަދަލުކުރަންމުންދާތީ ބެލެނިވެރިން އެކަމުގައި އަޑު އުފުލުމުން، ޕްރިންސިޕަލްގެ ޙައިސިއްޔަތުން އެކަން ހުއްޓުވާފައި ނުވާތީކަމަށް ބުނެއެވެ.

އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއަށްފަހު ޢަރަބިއްޔާ ސްކޫލްގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރައްވާފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސަޢީދުއާއެވެ.

އުޒުރެއް ނެތި މަޤާމުން ވަކިކުރުމާއި ގުޅިގެން، ޢަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށައެޅިއެވެ. އަދި މިމަހުގެ 1ވަނަ ދުވަހު ޓްރައިބިއުނަލްއިން ނިންމާފައިވަނީ، އޭނާ އެ މަޤާމުން ވަކިކޮށް އެހެން މުވައްސަސާއަކަށް ބަދަލުކޮށްފައިވަނީ ޤާނޫނާއި ޚިލާފައި ކަމަށާއި، އަދި އެ މަޤާމަށް އޭނާ އައްޔަންކުރުމަށް އަމުރުކުރާކަމަށެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި، އެކަން ކުރުމަށް ވަނީ އަންގަވާފައެވެ.

ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމަށް ޝުޖާޢު ހަމަޖެއްސެވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ޕްރިންސިޕަލެއް ހަމަނުޖައްސާ މިހާ ގިނަ ދުވަސްވެގެން ދިއުމަކީވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝުޖާއުއާއި އަލުން މަޤާމު ހަވާލުކޮށްފައި މިވަނީ އަހަރަކަށް ފަހުއެވެ.

ޢަރަބިއްޔާ ސްކޫލާއި ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ދަރިވަރުންނަށް ކިޔެވުމަށް ދާއިމީ އިމާރާތެއް ނެތުމެވެ. މިދިޔަ ސަރުކާރުގައި ޢަރަބިއްޔާ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީން ސްކޫލް ވަނީ ހަމަޖައްސަވާފައެވެ. އެތާ ކުރިން ޔުނިވަރސިޓީ ހިންގި އިމާރާތް ތަޅާލިނަމަވެސް، މިހާތަނަށްވެސް ސްކޫލް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.