ޚަބަރު

ކެބިނެޓް އެކުލަވާލާނެ ގޮތުގެ ތަފްސީލް ހޯދުމަށް އެދިއްޖެ


ޢިރާގުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލާނެ ގޮތް އޮޅުން ފިލުއްވައި ދެއްވުމަށް ބޮޑުވަޒީރު ޙައިދަރުލްއަބާދީ، އެގައުމުގެ ޕާލަމެންޓަށް ގޮވާލައްވައިފިއެވެ.

އަބާދީ ވިދާޅުވީ އޭނާގެ ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލުމަށް ޕާލަމެންޓުން މުއްދަތެއްދީ އަދި ވަޒީރުންގެ ތެރޭގައި ސިޔާސީ ފަރާތްތައް ނުހިމެނުމަށް އިރުޝާދު ދެއްވާފައިވާއިރު ވަޒީރުންގެ މަޖިލިސް އެކުލަވާލާނެ ގޮތުގެ ތަފްޞީލް ދީފައިނުވާތީ އެމުއްދަތުގައި އެކަން ކުރަން ދަތިވާނެކަމަށެވެ.

އިރާގުގައި ވަޒީރުންގެ އައު މަޖިލީހެއް އެކުލަވާލުމަށް ޓަކައި އެގައުމުގެ ޕާލަމެންޓުން ބޮޑުވަޒީރު ހައިދަރުލްއަބާދީ އަށް އަންގާރަދުވަހު ދީފައިވަނީ ތިންދުވަހުގެ މުހުލަތެކެވެ. މިމުހުލަތު އަންނަ ބުރާސްފަތި ދުވަހުގެ ނިލަޔަށް ހަމަވާނެއެވެ. މިކަމާބެހޭގޮތުން ޕާލަމެންޓުން އަބާދީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަލަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގައި ވަޒީރުންނަށާއި އެނޫން މަގާމުތަކަށް އައްޔަންކުރަންޖެހޭނީ މުސްތަގިއްލު ފަރާތްތަކާއި ފަންނީ ޓެކްނޮކްރޭޓުންކަމަށެވެ. ސިޔާސީ އެއްވެސް ޕާޓީއަކަށް ނޫނީ ސިޔާސީ ބްލޮކަކަށް ނިސްބަތްވާ ބޭފުޅަކު ވަޒީރުންގެ މަޖިލީހުގެ މަގާމަކަށް އައްޔަން ކޮށްގެން ނުވާނެކަމަށް ޕާލަމެންޓުން އަބާދީއަށް އަންގާފައިވެއެވެ. މިކަމަށް ރައްދު ދެއްވަމުން އަންގާރަދުވަހު އަބާދީ ޕާލަމެންޓަށް އަންގަވާފައިވަނީ އޭނާގެ ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލާނެ ގޮތް ތަފްސީލްކޮށް ބުނެދިނުމަށެވެ. އިރާގުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި އެގައުމުގެ ރަސްމީ ޓީވީން މެދުވެރިކޮށް ދެއްވި ޚިތާބެއްގައި އަބާދީ ވިދާޅުވީ މުސްތަގިއްލު ބޭފުޅުން އައްޔަންކުރަންޖެހޭ މަގާމުތަކާއި ފަންނީ ޓެކްނޮކްރޭޓުން އައްޔަން ކުރަންޖެހޭ މަގާމުތައް ވަރަށް ސާފުކޮށް އަންގައި ދިނުމަށް ޕާލަމެންޓަށް ދަންނަވާފައިވާނެ ކަމަށެވެ.

"ރައްޔިތުން ތަމްޘީލްކުރާ ބޭފުޅުންގެ މަޖިލީހުން ވަރަށް ސާފުކޮށް އަންގައިދޭން އެބަޖެހޭ އެބޭފުޅުން ބޭނުންވާގޮތް، ވަޒީރުންގެ މަގާމުތަކަށް ސިޔާސީ ބްލޮކްތަކުގެ ބޭރުން އައްޔަން ކުރަންޖެހޭ ބޭފުޅުންގެ އަދަދާ އަދި ވަޒީރުންގެ މަގާމުތަކަށް އެބްލޮކްތަކުގެ ބޭރުން ޓެކްނޮކްރޭޓުން އައްޔަންކުރަންޖެހޭ އަދަދާ އަދި އޭގެ ކޯޓާވެސް އަންގައިދޭން އެބަޖެހޭ، ޕާލަމެންޓްގެ އެންމެފަހުގެ ވޯޓުން އަންގައިދެނީ މިގޮތްކަން ނޫނީ އެހެން ގޮތެއްކަން އެނެގެން އެބަޖެހޭ." އިރާޤު ބޮޑުވަޒީރު ވިދާޅުވިއެވެ.

އިރާގުގެ ޕާލަމެންޓްގެ ރައީސް ސަލީމް އަލްޖަބޫރީ ވިދާޅުވީ އައު ކެބިނެޓެއް އެކުލަވާލުމަށް އަބާދީއަށް ދީފައިވާ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާ އެއީ އެކަމަށްޓަކައި އަބާދީއަށް ދީފައިވާ ސުންގަޑި ކަމަށެވެ. އަދި ޕާލަމެންޓްގެ މެންބަރުން ތިއްބެވީ ސުންގަޑި ބަދަލުކުރާގޮތަށް ނޫންކަމަށާ ސުންގަނޑި ފާއިތުވެއްޖެނަމަ ބޮޑުވަޒީރު ޕާލަމެންޓަށް ޙާޒިރުކޮށް ސުވާލުކުރެވޭނެ ކަމުގެ އިންޒާރުވެސް ޖަބޫރީ ދެއްވިއެވެ. އިރާގުގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑުތަކުގެ އަސްލަކީ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އިންތިހާއަށް މައްޗަށް ދިޔުމެވެ. އައު ސަރުކާރެއް އެކުލަވާލުމަށް ބޮޑުވަޒީރު އަބާދީއަށް އަމުރުކުރަންޖެހުނީވެސް ކޮރަޕްޝަން މަދުކޮށް ހިންގުމުގެ ދާއިރާ އިސްލާޙު ކުރުމުގެ ގޮތުންކަމަށް އިރާގުގެ ޕާލަމެންޓުން ބުނެއެވެ. އިރާގުގެ ސިޔާސީ ނިޒާމަކީ ޕާލަމެންޓްރީ ނިޒާމަކަށްވާތީ ޕާލަމެންޓްގެ އަމުރަށް ތަބާނުވެއްޖެނަމަ ބޮޑުވަޒީރުގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމުގެ ގާނޫނީ ބާރު އެގައުމުގެ ޕާލަމެންޓަށް ލިބިގެންވެއެވެ.