ޚަބަރު

ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން އިންޑިއާއާއެކު ހަދާފައިވޭ: ފިރުޒުލް


  • އެއްބަސްވުންތަކުގެ ޙަޤީގަތް ހާމަކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

  • އެއްބަސްވުންތަކުގައި ރާއްޖޭއަށް ގެއްލުންވާހެން ހުރި ނުކުތާތައް އުވާލާނެ

  • އެއްބަސްވުންތަކުގެ ތަފްޞީލުތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން

ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޤާއިމުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، މި 100 އެއްބަސްވުމުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކުގެ އެއްބަސްވުންތައް ނުހިމެނޭކަމަށެވެ.

އައު ސަރުކާރު ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ބޭރުގެ ޤައުމުތަކާ ރާއްޖެއާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ހަޤީގަތް ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތް ފަށްޓަވާ ކުރިއަށްދާގޮތާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، މިގޮތަށް އިންޑިއާ ސަރުކާރާއެކު މިދިޔަ ސަރުކާރުގައިި ޤާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ޢަދަދު ދެނެގަނެވިފައިވާކަމަށެވެ. އެގޮތުން މިިދިޔަ 5 އަހަރުގެ ތެރޭގައި، އިންޑިއާއެކު 100 އަށްވުރެ ގިނަ ސިޔާސީ އެއްބަސްވުން ޤާއިމުކޮށްފައިވާކަން މިހާތަނަށް ބެލި ބެލުމުން ޔަޤީންކުރެވިފައިވާކަމަށެވެ. މި ޢަދަދުގެ ތެރޭގައި، މަޝްރޫޢުތަކާއި ގުޅޭ އެއްބަސަވުންތައް ނުހިމެނޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވި، ޤައުމީ ސިޔާދަތަށް ނުރައްކާ ނުވާ މިންވަރަށް ރައްޔިތުންނަށް މި އެއްބަސްވުންތަކާއި ގުޅޭ ތަފްޞީލުތައް ތިލަކޮށްދެއްވާނެކަމަށެވެ. އަދި، އޮންނަން ނުޖެހޭ އެއްބަސްވުންތަކުގެ ނުކުތާތައް، އުވާލައްވަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

"ސިޔާދަތަށް އުނިކަން އަންނަގޮތަށް ހުރި އެއްބަސްވުންތަކުގެ ނުކުތާތައް އުވާލުމުގެ މަސައްކަތް ވަނީ ފަށާފައި. އިންޑިއާއާއެކު ހެދިފައި ހުރި އެއްބަސްވުމަށް ބަލާއިރު، 100 ބައިލެޓްރަލް އެއްބަސްވުން އެބައޮތް. މީގެތެރޭގައި ވަރަށް ޓެކްނިކަލް ކަންކަމާއިގުޅޭ އެއްބަސްވުންތައްވެސް އެބަހުރި. މިގެތެރެއިން ރާއްޖެއަށް ގެއްލުންވާގޮތަށް ހުރި ނުކުތާތައް އުވާލާނަން." ފިރުޒުލް ވިދާޅުވިއެވެ.

އައު ސަރުކާރުގެ ކަންބޮޑުވުން ހުރި އެގްރިމަންޓްތަކުގެ ތެރޭގައި، މިހާރު އިންޑިއާއިން ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލާއި ގުޅޭ އެއްބަސްވުންތައްކާއި ލޯނު އެގްރީމެންޓްތައް ހިމެނެއެވެ. އެގޮތުން އުތުރުތިލަފަޅާއި، ތިލަމާލޭ ބްރިޖާއި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެފައި ތިބުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.